ސްރީލަންކާގެ ޙާރިޖީ ވަޒީރު މަޖިލީހުގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސްރީލަންކާގެ ޙާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޕްރޮފެސަރ ޖީ.އެލް ޕެއިރިސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު މަޖިލީހުގެ އިދާރާގައި ބޭއްވި މި ބައްދަލުވުމުގައި، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙް ހަލަބޮލިވެފައިވާ މި ދަނޑިވަޅުގައި މި މައްސަލަތައް ހައްލު ކުރެއްވުމުގައި ސްރީލަންކާއަށް ވެދެއްވިދާނެ އެހީތެރިކަމަކީ ކޮބައިތޯ ބެއްލެވުމާއި މިގޮތުން ދިވެހިރާއްޖޭން ބޭނުންވާ މިންވަރަކަށް އެހީތެރިކަން ފޯރުކޮށްދެއްވުން ކަމުގައި ޕްރޮފެސަރ ޖީ.އެލް ޕެއިރިސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއްކަން ފާހަގަކުރައްވައި، އިޤްތިޞާދީ އަދި އިޖްތިމާއީ ގޮތުން ރާއްޖެއަށް ލިބެމުންދާ ކުރިއެރުންތަކުގައި ސްރީލަންކާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު ދަންނަވާފައިވެއެވެ. އަދި މިހާރު ރާއްޖެއަށް ދިމާވެފައިވާ ސިޔާސީ މައްސަލަތަށް ހައްލުކުރުމަށް ސްރީލަންކާއިން އެހީ ވެދެއްވަން ބޭނުންފުޅުވާތީ އެކަމަށް ވެސް މަޖިލީހުގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި ސްރީލަންކާގެ ވަފްދުގައި ހިމެނިވަޑައިގަންނަވާ އެ ޤައުމުގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއާރސްގެ މޮނިޓަރިންގް އެމް.ޕީ އޮނަރަބަލް ސާޖިން ޑި ވަސް ގުނަވަރްޑެނާ އާއި ސްރީލަންކާގެ ހައި ކޮމިޝަނަރ ހިޒް އެކްސެލެންސީ މިސްޓަރ ޑަބްލިއު. ޑަބްލިއު. އެމް. އާރ. ޑީ. އެސް. ޑެލާ ވެސް ބައިވެރިވެވަޑައިގަތެވެ. އަދި މަޖިލީހުގެ އިދާރާގެ ހެޑް، ފޮރިން ރިލޭޝަންސް އެންޑް ޕްރޮޓޮކޯލް، އަލްއުސްތާޛާ ޝަޒްރާ ޢަބްދުއްސައްތާރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.