ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ހެނދުނު 11:10 ން 11:20 އަށެވެ. މި ބައްދަލުވުމަށް ހާޒިރުވެފައިވަނީ 10 މެންބަރުންނެވެ.
މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 122 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ޢައްޔަންކުރައްވަން ނިންމަވާފައިވާ ހ. ޑީންސްވިލާ އަލްފާޟިލް މުޙައްމަދު ވަޙީދުއްދީނުގެ ނަންފުޅާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 14 ބޭފުޅުންގެ ނަންފުޅުގެ މައްސަލައާއި މެދު މަޝްވަރާކޮށް، އެ ނަންފުޅުތަކަށް މަޖިލީހުން ރުހުން ދެއްވުމަށް ނިންމަވާފައިވެއެވެ. އެގޮތުން ރުހުން ދެއްވާފައިވާ 14 ވާޒީރުންނަކީ:
1. މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ މުޙަންމަދު ޖަމީލް އަޙްމަދު
2. މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަލްފާޟިލް މުޙަންމަދު ނާޡިމް
3. އެޓާރނީ ޖެނެރަލްގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަލްއުސްތާޛާ ޢާއިޝަތު ޢާޒިމާ ޝަކޫރު
4. މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު
5. މިނިސްޓަރ އޮފް އެޑިޔުކޭޝަންގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ ޢާޞިމް އަޙްމަދު
6. މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަލްފާޟިލް އަޙްމަދު މުޙަންމަދު
7. މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ އަޙްމަދު ޝަމްހީދު
8. މިނިސްޓަރ އޮފް ހިއުމަން ރިސޯސަސް، ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަލްފާޟިލް މުޙަންމަދު ޙުސައިން ޝަރީފް
9. މިނިސްޓަރ އޮފް ޓޫރިޒަމް އާރޓްސް އެންޑް ކަލްޗަރގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަލްފާޟިލް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު
10. މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒްގެ މަޤާމަށް އައްޔަންކުރައްވާފައިވާ އައްޝައިޚް މުޙަންމަދު ޝަހީމް ޢަލީ ސަޢީދު
11. މިނިސްޓަރ އޮފް ހައުސިންގ އެންޑްއެންވަޔަރަންމަންޓްގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ މުޙަންމަދު މުޢިއްޒު
12. މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަލްފާޟިލް ޢަބްދުﷲ ޖިހާދު
13. މިނިސްޓަރ އޮފް ފޮރިން އެފެއާޒްގެ މަޤާމަށް އައްޔަންކުރައްވާފައިވާ ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ
14. މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ މަޤާމަށް އައްޔަންކުރައްވާފައިވާ އަލްފާޟިލް އަޙްމަދު ޝަފީޢު އެވެ.
ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިއަދު ހާޒިރުވެފައިވާ މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް, ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، އަދި މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް އެވެ.