މާރޗް 31 އިން އޭޕްރިލް 5 ކަށް ޔުގަންޑާގެ ވެރިރަށް ކަމްޕާލާ ގައި ކުރިޔަށްދާ 126 ވަނަ އިންޓަރ ޕާރލިމަންޓަރީ ޔޫނިޔަން (އައި. ޕީ. ޔޫ) ގެ އަހަރީ ޖެނެރަލް އެސެމްބްލީގެ މުހިންމު އެއްބައިގެ ގޮތުގައި އެޖެންޑާ ކުރެވިފައިވާ އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީގެ މަގާމްތަކަށް މެމްބަރުން ހޮވުމުގައި ގަލޮޅު އުތުރު ދާއިރާގެ ޢިއްޒަތްތެރި މެމްބަރު އީވާ ޢަބްދުﷲ ހޮވިވަޑައިންނެވުމުން ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.
އީވާ ޢަބްދުﷲ މިމަގާމަށް ހޮވިވަޑައިންނެވީ ރައްޔިތުން މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ހުށަހަޅުއްވައި، އައި.ޕީ.ޔޫގެ އޭޝިއާ ޕެސިފިކް ގްރޫޕުގައި ހިމެނޭ ހުރިހާ ގައުމުތަކެއްގެ އިއްތިފާޤުން ތާއިދު ކުރެއްވި ކެންޑިޑޭޓްގެ ގޮތުގައި ވާދަ ކުރައްވައި ގެންނެވެ.
އަންހެން ޕާރލިމަންޓަރީ މެމްބަރުންގެ ކޮމިޓީ އަކީ ބައިނަލް އަޤްވާމީ ޕާލިމަންޓް ތަކުގެ ޖަމިއްޔާ ( އައި.ޕީ.ޔޫ) ގައި ހިމެނޭ 159 ގައުމުގެ ހުރިހާ އަންހެން ޕާލިމަންޓަރީ މެމްބަރުން ތަމްސީލް ކުރާ ކޮމިޓީއެވެ.
އީވާ އަބްދުﷲ ހިމެނިވަޑައިންނަވާނީ 123 އަހަރުވީ މިޖަމިއްޔާގެ މަގާމަކަށް އިންތިޚާބްވެވަޑައިގެންނެވި ފުރަތަމަ ދިވެހި މެމްބަރަށެވެ.