މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މި އަހަރުގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ 2012 ވަނަ އަހަރުގެ ދައުރުންބޭރުގެ 01 ވަނަބައްދަލުވުން މިއަދު ބާއްވާފައިވަނީ މެންދުރުފަހެވެ.  މި ބައްދަލުވުމުގައި ދިހަ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުވުމުގައި ކޮމިޓީއަށް އެކި ފަރާތްތަކުން ފޮނުއްވާފައިވާ މައްސަލަތައް ކުރިއަށް ގެންދާނެގޮތެއް ކަނަޑައެޅުއްވިއެވެ. އަދި މިހާތަނަށް ކޮމިޓީއަށް އައިސްފައިވާ މައްސަލަތަކުގެ އަޕްޑޭޓް ލިސްޓެއް ތައްޔާރުކޮށް ކޮމިޓީގެ މެންބަރުންނަށް މެއެލް ކުރައްވުމަށް ދެންނެވިއެވެ.

އެއަށްފަހު ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާގެ ހުށަހަޅުއްވާފައިވާ 8 ފެބްރުއަރީ 2012 ވަނަ ދުވަހު ފުލުހުންގެ އަމަލުތަކާއި ބެހޭ މައްސަލަ އަދި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް ޢަލީ ހުށަހަޅުއްވާފައިވާ މައްސަލަ ކަމަށްވާ 7 ފެބްރުއަރީ ނުވަތަ 8 ފެބްރުއަރީ އަށްވުރެ ކުރީގަ ހިނގި ކަންތައްތަކާ އޭގެ ކުރިންވެސް ހިނގި ކަންތައްތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ތަހްޤީޤުކުރަމުން ގެންދަނީ  ކިހިނެއްތޯބަލަން ބެލުއްވުމާއި ބެހޭ މައްސަލައެވެ. އަދި މީގެ އިތުރުން މިކޮމިޓީން މަޖިލީހުގެ ގަވާއިދުގެ ޖަދުވަލު 2 ކަށް އިސްލާޙް ހުށަހެޅުމާ ބެހޭގޮތުންވެސް ވާހަކަ ދައްކަވާފައިވެއެވެ. މިގޮތުން މި ކޮމިޓީ ގަވާއިދުން އުފެދުނު ފަހުން އުފެދިފައިވާ ބްރޯޑް ކާސްޓިން ކޮމިޝަން، މޯލްޑިވްސް މީޑިއާ ކައުންސިލް، އޮޑިޓަރޖެނެރަލް އަދި ޤާނޫނަކުން މުއައްސަސާއެއް އުފެދިފައިވާނަމަ އެތަނެއްގެ މައްޗަށްވެސް މިކޮމިޓީގެ އިޚްތިޞާސް ހިންގާނޭ ގޮތަށްޑްރާފްޓް ތައްޔާރުކޮށްގެން ކޮމިޓީގެ މުގައްރިރު ހޯމަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް ހުށަހެޅުއްވުމަށް ނިންމެވައި މިއަދުގެ ބައްދަލުވުން ނިންމަވާލެއްވިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފައިވާ މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާމެންބަރު ހާމިދު ޢަބްދުލްޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ. އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް،  ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ.