ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރު ވަނަ ޖަލްސާ ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ހަތަރު ވަނަ ޖަލްސާ ފައްޓަވާފައިވަނީ، މަޖިލީހުގެ ނައިބު ރައީސް މުލަކު އަތޮޅު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ރިޔާސަތުގައި އިންނަވައިގެން މިއަދު ހެނދުނު 09:00 ގައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) ގައިވާގޮތުގެމަތިން، ބޭރު ޤައުމުތަކަށް ދިވެހިރާއްޖޭން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ  ފޮނުއްވާފައިވާ  ނަންފުޅުތައް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ށ)  ގެ ދަށުން މަޖިލީހުގައި އިޢުލާނު ކުރުމާއި، އެ ނަންފުޅުތައް ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް، މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމުގެ މަސައްކަތް މިއަދުގެ މަޖިލީހުގެ ބައްދަލުވުން ފެށުމާއެކު ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހަޅުއްވާފައިވާ ނަންފުޅުތަކަކީ:

1. ހ. ކާނޭޝަންވިލާ  އަލްފާޟިލް މުޙަންމަދު ރަޝީދު، ޗައިނާއަށް ކަނޑައަޅާފައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް.

2. ސްރީލަންކާއަށް މިހާރު ކަނޑައަޅުއްވާފައި ހުންނަވާ  ދިވެހިރާއްޖޭގެ ސަފީރު، މ. ކަލީ އަލްފާޟިލް ޙުސައިން ޝިހާބު ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ އިތުރުން، ފިލިޕީންސްއަށާއި، އޮސްޓްރޭލިޔާއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ނޮން ރެސިޑެންޓް ސަފީރުކަމަށް.

މި މައްސަލައިގެ ބަހުސް ނިންމާލުމާއެކު މިމައްސަލަވަނީ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ފޮނުއްވާފައެވެ.

އެއަށްފަހު މެންދުރު 12:30 ގައި މަޖްލީހުގެ ހެނދުނުގެ ދަންފަޅި ނިންމާލުމުގެ ކުރިން ނުނިމި ހުރި މަސައްކަތުގެ ތެރޭ ހިމެނޭ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު ހުށަހަޅުއްވާފައިވާ “މެޑިކަލް ޑިވައިސަސްއާބެހޭ ބިލު” ގެ ބަހުސްވެސް ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ މަޖިލީހުގެ ބައްދަލުވުމުގެ މެންދުރުފަހުގެ ދަންފަޅީގައި ކޮމިޓީތަކުން ދިރާސާކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައިވާ “ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު” ގެ ރިޕޯޓުގެ އިއްވާ، މި ރިޕޯޓާ މެދު ބަހުސް ކުރިއަށް ގެންދިއުމަށްފަހު، ދުވަހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓުން ނިންމާ ހިސާބަށް ގޮސްފައިވާ ކަންކަމުގައި ވޯޓަށް އައްސަވާފައިވެއެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވާފައިވަނީ މެންދުރު 14:30 ގައެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފަސްވަނަ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ 9 އޭޕްރިލް 2012 ވާ ހޯމަ ދުވަހުގައެވެ.