ރައްޔިތުންގެ މަޖިލީހުގެ ރައީސް ޔޫގެންޑާގެ ޕާލަމެންޓްގެ ސްޕީކަރ އާއި ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ޔޫގެންޑާގެ ޤާނޫނުހަދާ މަޖިލީހުގެ ސްޕީކަރ ހަރ އެކްސެލަންސީ ރެބޭކާ ކަޑާގާ އާއި ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި ޔޫގެންޑާ އާއި ދެމެދު އޮތް އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުވައިލައްވައި މަޖިލީހުގެ ރައީސް ވާހަކަފުޅުދެއްކެވިއެވެ. މިގޮތުން ދިވެހިރާއްޖެ އާއި ޔޫގެންޑާއަކީ ބައިނަލްއަޤްވާމީ ތަފާތު މައިދާން ތަކުގައި އެކުއެކީގައި މަސައްކަތްކުރާ ދެޤައުމުކަމުގައި ވިދާޅުވިއެވެ. އެގޮތުން ކޮމަންވެލްތްގައާއި އިސްލާމިކް ކޮންފަރެންސް ގައި ދެޤައުމުންވެސް ބައިވެރިވެފައިވާކަން ފާހަގަ ކުރެއްވިއެވެ. އަދި ހަމަ އެއާއެކު ކޮމަންވެލްތް ޕާލަމެންޓްރީ އެސޯސިއޭޝަން އާއި އިންޓަރޕާލަމެންޓްރީ ޔޫނިއަން ގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުންވެސް ބައިވެރިވެފައިވާކަން މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ޔޫގެންޑާގެ ސްޕީކަރގެ ވާހަކަފުޅުގައި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެދުގައި ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިއްމުކަމުގެ މައްޗަށް ބައްލަވައިލައްވައި މޯލްޑިވްސް – ޔޫގެންޑާ ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ. އަދި އެކަމަނާގެ މިޚިޔާލުފުޅަށް މަޖިލީހުގެ ރައީސް މަރުޙަބާ ވިދާޅުވިއެވެ.