ރައްޔިތުންގެ މަޖިލީހުގެ ރައީސް އީރާން ގެ ވަފްދާއި ބައްދަލުކުރައްވައިފި

އައިޕީޔޫގެ 126 ވަނަ އެސެމްބްލީގައި ބައިވެރިވުމަށް ޔޫގެންޑާ އަށް ވަޑައިގެން އުޅުއްވާ އީރާންގެ ޕާލަމެންޓްގެ ވަފްދާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އަރިހުގައި ޔޫގެންޑާއަށް ވަޑައިގެން އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ވަފްދުގެ ބޭފުޅުން މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި އީރާން އަކީ ޒަމާނުއްސުރެ ދިވެހިރާއްޖެ އާއި އެކު ބަދަހި އަދި އިސްލާމީ އުޚުއްވަތްތެރި ކަމުގެ ގުޅުން ބާއްވަމުންގެންދާ ޤައުމެއްކަން ފާހަގަ ކުރައްވައި ކުރިއަށްއޮތްތަނުގައިވެސް އެގުޅުން އެގޮތުގައި ދެމި އޮންނާނެކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ މަޖިލީހާއި އީރާނުގެ ޤާނޫނު ހަދާ މަޖިލީހާއި ދެމެދު ބަދަހި ގުޅުމެއް މިހާރު ޤާއިމުވެފައިވާކަމުގައި ވިދާޅުވިއެވެ.

އީރާނުގެ ވަފްދުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި މޯލްޑިވްސް – އީރާން ޕާލަމެންޓްރީ ފްރެންޑްޝިޕް ގްރޫޕެއް އުފެއްދުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ. މިޚިޔާލަށް މަޖިލީހުގެ ވަފްދުން ވަނީ މަރުޙަބާ ވިދާޅުވެފައެވެ.