ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ ބާއްވާފައިވަނީ މިއަދު ހެނދުނު 09:00 ން 14:00 އަށެވެ.

މިއަދުގެ ބައްދަލުވުން ފައްޓަވައިދެއްވުމަށްފަހު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވައިދެއްވި މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަހްމަދު ނާޒިމްވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 122 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަމުގެ މަޤާމަށް ޢައްޔަންކުރައްވަން ނިންމަވާފައިވާ ހ. ޑީންސްވިލާ އަލްފާޟިލް މުޙައްމަދު ވަޙީދުއްދީނުގެ ނަންފުޅު މަޖިލީހަށް އިއްވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެ މައްސަލައާ މެދު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޝްވަރާކޮށް، މައްސަލަ ދިރާސާކުރައްވައި، ގޮތެއް ނިންމެވުމުގެ ގޮތުން މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް އެ މައްސަލަ ފޮނުވުމަށް ނިންމަވާފައިވެއެވެ.

އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރައްވާފައިވާ 14 ބޭފުޅުންގެ ނަންފުޅު މަޖިލީހަށް އިއްވައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 291 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 171 ވަނަ މާއްދާގެ (ށ) ގެ ދަށުން މަޝްވަރާކޮށް، މައްސަލަ ދިރާސާކުރައްވައި، ގޮތެއް ނިންމެވުމުގެ ގޮތުން މައްސަލައާގުޅޭ ދާއިމީ ކޮމިޓީއަށް އެ މައްސަލަ ފޮނުވުމަށް ނިންމަވާފައިވެއެވެ.

އެއަށްފަހު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑު ހަމަޖައްސަވާފައިވާގޮތަށް ބަދަލުގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ހުށަހަޅުއްވާފައިވެއެވެ. އެގޮތުން ‘މިނިސްޓްރީ އޮފް ހައުސިންގް އެންޑް އެންވަޔަރަންމެންޓް’ ގެ ނަން ‘މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ’ ގެ ނަމަށް ބަދަލުކުރުމަށާއި، ‘މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ’ ގެ ނަމުގައި ވަކި ވުޒާރާއެއް އުފެއްދުމަށާއި، ‘މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ’ ގެ ނަން ‘މިނިސްޓްރީ އޮފް ހެލްތް’ އަށް ބަދަލުކުރުމަށާއި،  ‘މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް’ ގެ ނަމުގައި ވުޒާރާއެއް އުފެއްދުމަށް ސަރުކާރުން ގަސްދުކުރައްވާތީ، މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާ އެކަމާ ގުޅޭގޮތުން ބަޙުސްކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރާންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެމަޖިލީހުން ނިންމާ ގޮތުގެމަތިންކަމަށް ބަޔާންކޮށްފައިވާތީ، ‘ސާކް ކޮންވެންޝަން އޮން ކޯޕަރޭޝަން އޮން އެންވަޔަރަންމަންޓް’ ގައި ދިވެހިރާއްޖެއިން ފުރިހަމަ މެންބަރެއްގެ ގޮތުގައި ބައިވެރިވުމުގެ މައްސަލަ ނަންގަވާ، އެ ކަމާބެހޭ ގޮތުން މެންބަރުން ބަޙުސް ކުރައްވާފައިވެއެވެ.

މަޖިލީހުގެ ހެނދުނުގެ ދަންފަޅި ނިންމެވުމުގެ ކުރިން، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 142 ވަނަ މާއްދާގެ ދަށުން ހުށަހަޅުއްވާފައިވާ ޤަރާރުގެ ފުރަތަމަ ކިޔުން އިއްވުމުގެ ގޮތުން އެ ޤަރާރުގެ ސުރުޚީ ރިޔާސަތުން އިއްވެވިއެވެ. އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ، ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލް އިއްވަވާ، އެ ބިލާ މެދު ބަހުސް ކުރައްވާފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގެ ދެވަނަ ދަންފަޅި މިއަދު މެންދުރު 13:00 ގައި ފައްޓަވައި، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ ހުށަހަޅުއްވާފައިވާ ބިލްގެ ބަޙުސް ކުރިއަށް ގެންގޮސް، މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ވޯޓާ ހަމައަށް އައިސްފައިވާ ކަންކަމުގައި ވޯޓަށް ދިއުމަށް ރަނގަބީލު ޖެހިނަމަވެސް، 19 މާރޗް 2012 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި މަޖިލީސް ކުރާ މާލަމުގައި ހިނގާފައިވާ ހަމަނުޖެހުމުގެ ތެރޭ މެންބަރުންގެ ސިސްޓަމްތަކަށް ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިއަދުގެ މަޖިލީހުގެ ޖަލްސާ މެންދުރު 14:00 ޖެހިއިރު ރިޔާސަތުންވަނީ ނިންމަވާލައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ތިން ވަނަ ޖަލްސާ ބާއްވަން ހަމަޖެހިފައިވަނީ 3 އޭޕްރިލް 2012 ވާ އަންގާރަ ދުވަހެވެ.