މާލިއްޔަތު ކޮމިޓީގެ 7 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ހަތްވަނަ ބައްދަލިވުން މިއަދު ބާއްވައިފިއެވެ. މި ބައްދަލުވުން ބާއްވާފައިވަނީ މިއަދު މެންދުރު 13:05 ން 14:05 ށް އަށެވެ. މިބައްދަލުވުމުގައި ކޮމިޓީގެ 7 މެންބަރުން ބައިވެރިވެވަޑައިގަތެވެ.

މިބައްދަލުވުމުގައި އެން.ސްޕާ އާއި އާސަންދަ ކުންފުނީގެ ސީނިއަރ ބޭފުޅުންނާއި އެކު  28 މާޗް 2012 ވަނަ ދުވަހު މާލިއްޔަތު ކޮމިޓީ އާއިއެކު ބޭއްވެވި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަންތައްތަކާއި ގުޅޭގޮތުން ވަކި ގޮތެއް ނިންމެވުމަށްޓަކައި މެންބަރުންގެ މެދުގައި ވާހަކަ ދައްކަވާފައިވެއެވެ. އެގޮތުން އާސަންދަ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި އަދި ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރެންސް ޕްރިމިއަމް ކަނޑައަޅުއްވާފައިވާ ފަރާތްތަކަށް އާސަންދައިގެ ދަށުން ހެލްތް އިންޝުއަރެންސް ލިބިދެވިދާނެ ގޮތްތަކާއިމެދު މަޝްވަރާކުރެއްވުމަށްފަހު، އާސަންދަ ސްކީމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށްފަހު ވަކި ގޮތެއް ނިންމެވުމަށް ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެންބަރުން އެއްބަސްވެވަޑައިގަތެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އާއި، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އާއި، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.