އެންސްޕާ އާއި އާސަންދަ ކުންފުނީގެ އިސް ބޭފުޅުންނާ މާލިއްޔަތު ކޮމިޓީ މެންބަރުން ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ހަވަނަ ބައްދަލުވުން ބާއްވާފައިވަނީ މިއަދު 13:05 ން 14:35 އަށެވެ.

މިބައްދަލުވުމުގައި އާސަންދައިގެ ދަށުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ހެލްތު އިންޝުއަރެންސް ފޯރުކޮށްދެވޭ ގޮތާއި ގުޅޭގޮތުންނާއި ރައްޔިތުންގެ މަޖިލީހުން ހެލްތް އިންޝުއަރެންސް ޕްރިމިއަމް ކަނޑައަޅުއްވާފައިވާ ފަރާތްތަކަށް އާސަންދައިގެ ދަށުން ހެލްތް އިންޝުއަރެންސް ލިބިދެވިދާނެ ގޮތްތަކާއިމެދު މަޝްވަރާކުރެއްވުމަށް އެން.ސްޕާ އާއި އާސަންދަ ކުންފުނީގެ ސީނިއަރ ބޭފުޅުންނާއި މާލިއްޔަތު ކޮމިޓީން ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވެއެވެ. މި ބައްދަލުވުމުގައި އެން.ސްޕާ ގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީ އަލްފާޟިލް ތޯރިޤް އަލީ ލުތުފީ އާއި އާސަންދަ ކުންފުނީގެ ފަރާތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ޝަފާޒް، ޖެނެރަލް މެނޭޖަރ އަލްފާޟިލް ނިޔާޒު މުޙައްމަދު، އަދި ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް ވާހިދު ތައުފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

ރާއްޖޭގެ މާލީ ހާލަތާއި ހެލްތް އިންޝުއަރެންސް ފޯރުކޮށްދިނުމުގައި ކުރިމަތިވާ ދަތިތަކާއި ބެހޭ ގޮތުން ހިޔާލު ފާޅުކޮށް މަޝްވަރާތައް މިއަދުގެ ބައްދަލުވުމުގައި ކުރިއަށްގެންދަވާފައިވެއެވެ. އާސަންދަ ކުންފުނީގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަވާ ގޮތް ސާފުކުރައްވާ، މަސައްކަތަށް ހުރަސް އުޅޭ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަދެކެވި، އެކަންތައްތައް ހައްލު ކުރުމާ ބެހޭ ގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

މާލިއްޔަތު ކޮމިޓީގެ ހަވަނަ ބައްދަލުވުމުގައި އެ ކޮމިޓީގެ 9 މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އެއީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އާއި، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ އާއި، އަދި އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.