މާލިއްޔަތު ކޮމިޓީގެ ހަތަރު ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިއަދު 13:05 ން 14:15 އަށް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި ފުރަތަމަ ކަމަކަށް ކުރިއަށް ގެންގޮސްފައިވަނީ ފަނޑިޔާރުންނާއި ފަނޑިޔާރުންގެ ޑިޕެންޑެންޓުންނަށް އެލައިޑް އިންޝުއެރެންސް ކޮމްޕެނީން ހުށަހަޅާފައިވާ އިންޝިއަރެންސް ސްކީމް ހަމަޖެއްސުމާމެދު ފެނިވަޑައިގަންނަވާ ގޮތެއް އަންގަވައި ދެއްވުމަށް އެދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޮނުވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރެއްވުމެވެ. އަދި 28 ޑިސެމްބަރ 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން އެކުލަވާލި މުސާރައިގެ އޮނިގަނޑު އިލެކްޝަންސް ކޮމިޝަނުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ށ) އާއި ތަޢާރުޒުވާކަމަށް އެ ކޮމިޝަނަށް ފެންނަ ކަމަށް ބުނެ، މި މައްސަލައިގައި އަމަލު ކުރަންވީ ގޮތުގެ ލަފައަކަށް އެދި މަޖިލީހަށް ފޮނުވާފައިވާ ސިޓީއާއި މެދުވެސް މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވެއެވެ.

އެޖެންޑާގައިވާ ގޮތުގެ މަތިން ދެން އަލިއަޅުވާލެއްވީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުންނަށް މިހާތަނަށް މެޑިކަލް އިންޝިއުރެންސް ހަމަޖައްސަވައި ދެއްވާފައިނުވާތީއާއި އެ ޓްރައިބިއުނަލްގެ މެންބަރުންނަށް ކަނޑައަޅުއްވާފައިވާ މުސާރައާއި މެދު އަލުން ވިސްނާވަޑައިގެންދެއްވުމަށް އެދި އެ ޓްރައިބިއުނަލްއިން މަޖިލީހަށް ފޮނުވާފައިވާ ސިޓީތަކަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ ޤާނޫނީ ވާޖިބު އަދާކުރެއްވުމަށް އެ ކޮމިޝަންގެ ފަރާތުން ފޯރުކޮށްދީފައިވާ ތަކެއްޗަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މުސާރައާއި އިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗެއްތޯއާއި އަދި އިދާރީގޮތުން ފޯރުކޮށްދެވޭނީ ކޮންކޮން ތަކެއްޗަކާއި ވަޞީލަތްތަކެއްކަން އަންގައި ދެއްވުމަށް އެދި އެ ކޮމިޝަނުން ފޮނުއްވާފައިވާ ސިޓީއާއި މެދު ހިޔާލު ފާޅުކޮށް މަޝްވަރާ ކުރައްވާފައިވެއެވެ.

އެއަށްފަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާ މުސާރައިން ގަޑީ ލާރީގެ ގޮތުގައި ކޮންމެ މަހަކުވެސް ބައެއް އުނިކުރަމުންދާތީ، އެކަން އެގޮތަށް ކުރެވޭނެކަން ނުވަތަ ނުކުރެވޭނެ ބައްލަވައި ދެއްވުމަށް އެދި އެ ކޯޓުން ފޮނުވާފައިވާ ސިޓީއާއި މެދުވެސް މަޝްވަރާ ކުރައްވާފައިވެއެވެ. މީގެ އިތުރުން  ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރާ ފަނޑިޔާރަކު އެތަނުގެ އެޕާޓްމަންޓްގައި ދިރިއުޅޭނަމަ އެޕާޓްމަންޓުގައި އުޅޭ މުއްދަތުގައި އެފަރާތަކަށް ލިވިންގ އެލަވަންސް ދިނުމުގައާއި، އަދި އަތޮޅުތަކުގެ ކޯޓުތަކުގައި ހުންނަ ކޮޓަރިތައް ބޭނުންކުރާ މެޖިސްޓްރޭޓުންނަށް ލިވިންގ އެލަވަންސް ދިނުމުގައި ތަފާތުތަކެއް އުޅޭކަމަށް ފާހަގަ ކުރެވިފައިވާތީ، މިކަމުގައި ދެކެވަޑައިގަންނަވާގޮތެއް އަންގަވައި ދެއްވުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާއި މެދުވެސް މަޝްވަރާތައް ކުރިއަށްގެންދަވާފައިވެއެވެ.

މިއަދު އޮތް މާލިއްޔަތު ކޮމިޓީގެ ހަތަރު ވަނަ ބައްދަލުވުމަށް ހާޒިރުވެވަޑައިގެންފައިވަނީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އާއި، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދް އާއި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު އާއި، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އާއި، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އާއި، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ އާއި، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އެވެ.