މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ. މިބައްދަލުވުން ބޭއްވިފައިވަނީ 13:00 އިން 13:55 އަށެވެ.

މިބައްދަލުވުމުގައި، މިއަހަރުގެ ފެބްރުއަރީ މަހުގެ 05 އިން 11 ށް އޮސްޓްރޭލިޔާގެ މެލްބަރން އަދި ޖީލޮންގްގައި ބޭއްވުނު  “ސެވެންތް އެނުއަލް ސަމަރ ރެސިޑެންސީ ޕްރޮގްރާމް” ގައި ބައިވެރިވެވަޑައިގެންނެވި މާލިއްޔަތު ކޮމިޓީގެ މެންބަރުންގެ ފަރާތުން ހުށަހަޅާފައިވާ “އެކްޝަން ޕްލޭން” އެޑޮޕްޓް ކުރުމާއި ބެހޭ ގޮތުން މަޝަވަރާ ކުރެއްވުމަށްފަހު، އެ އެކްޝަން ޕްލޭންއަށް އަމަލު ކުރެއްވުމަށް ނިންމަވާ އެ ޕްލޭން އެޑޮޕްޓް ކޮށްފައިވެއެވެ. އެއަށްފަހު އައި.އެމް.އެފް މިޝަންގެ ބޭފުޅުންނާއި އެކު މަޝްވަރާ ބައްދަލުވުމަކަށް އެދިވަޑައިގެން އެމް.އެމް.އޭ އިން ފޮނުއްވާފައިވާ ސިޓީއާއި މެދު ވާހަކަދައްކަވާ، 27 މާޗް 2012 ވާ އަންގާރަ ދުވަހު މިކަމާ ގުޅިގެން މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ނިންމަވާފައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން އެ ކޮމިޝަނުން މީޑިއާ މެދުވެރިކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ކުރައްވާފައިވާ ތުޙުމަތު ތަކާ ގުޅޭގޮތުންނާއި އިލެކްޝަންސް ކޮމިޝަނުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މައްސަލަތަކާއި ގުޅޭގޮތުންނާއި އަދި އިޕްސަސްގެ ފުލް އެކްރުއަލް ބޭސިސްއާ އެއްގޮތަށް ދައުލަތުގެ މުއައްސަސާތަކުގެ ހިސާބުތައް ތައްޔާރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި ބައްދަލުވުމަކަށް އެދިވަޑައިގެން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ފޮނުއްވާފައިވާ ސިޓީއާއި މެދު މަޝްވަރާކުރުމަށްފަހު 26 މާޗް 2012 ވަނަ ދުވަހު ބޭއްވޭ ކޮމިޓީ ގައި އޮޑިޓަރ ޖެނެރަލް އާއި ބައްދަލުކުރެއްވުމަށް ނިންމަވާފައިވެއެވެ.

މީގެ އިތުރުން، 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް ފާސްކުރެއްވިއިރު މިނިވަން މަޤާމުތަކާއި މުއައްސަސާތަކުގެ މެންބަރުންގެ މެޑިކަލް އިންޝުއަރެންސް އާއި ބެހޭގޮތުން ހިމެނިފައިވާ ރިކޮމެންޑޭޝަން، 28 ޑިސެމްބަރ 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ މުސާރައާއި ޢިނާޔަތްތަކުގެ ތެރޭގައި ހިމެނޭ ހެލްތު އިންޝުއަރެންސް ދިނުމަށް ކަނޑައަޅާފައިވާ އުޞޫލާއި ތަޢާރަޒްވާކަމަށް މިނިވަން މުއައްސަސާތަކަށް ޤަބޫލު ކުރެވޭތީ މިމައްސަލައާއި މެދު މަޝްވަރާކުރުމަށްޓަކައި ބައްދަލުވުމަކަށް އެދިވަޑައިގެން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އިން ފޮނުވާފައިވާ ސިޓީ އާއި ގުޅޭގޮތުން އިތުރު މަޢުލޫމަތު ސާފުކުރަން ބޭނުންފުޅުވާތީވެ، މެޑިކަލް އިންޝުއަރެންސް އާއި ގުޅޭ ގޮތުން އާސަންދަ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާ ބައްދަލުކުރައްވާ މަޝަވަރާކުރެއްވުމަށްވެސް މާލިއްޔަތު ކޮމިޓީއިން ނިންމަވާފައިވެއެވެ.

މިއަދުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ނިންމަވާލެއްވުމުގެ ކުރިން، ކޮމިޓީގެ މުޤައްރިރުގެ ނައިބުގެ މަޤާމް ހުސްވެފައިވާތީ، އެ މަޤާމަށް މެންބަރަކު ޢައްޔަނު ކުރުމަށް އެމަޤާމުގައި ހުންނަވަން ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަންފުޅެއް ހުށަހެޅުއްވުމަށް ފުރުޞަތު ހުޅުވާލައްވާ ވޯޓަކަށް އެއްސެވުމުން، ކޮމިޓީގެ އިއްތިފާގުން އެ މަޤާމަށް ހޮވިފައިވަނީ އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އެވެ.

މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙަންމަދު، އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް، ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް އެވެ.