19 މާރޗް 2012 ވީ ހޯމަ ދުވަހު ބޭއްވުނު މަޖްލީހުގެ ޖަލްސާގައި ހިނގާ ދިޔަ ކަންތައްތަކާ ބެހޭ މައްސަލަ މަޖްލީހުގެ ސުލޫކު ކޮމިޓީއަށް ފޮނުއްވައިފި

19 މާރޗް 2012 ވީ ހޯމަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ހިނގާ ދިޔަ ކަންތައްތަކާ ބެހޭ މައްސަލަ ބައްލަވައިދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ކޮމިޓީއަށް މަޖިލީހުގެ ރައީސް އެ މައްސަލަ ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 97 ވަނަ މާއްދާގެ (ށ) ގައި ވާގޮތުން މެންބަރުން ޢަމަލު ކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފަށް ނުވަތަ ޤާނޫނާއި ގަވައިދާ ޚިލާފަށް މެންބަރަކު ކަމެއް ކޮށްފި ކަމުގެ ތުހުމަތު ކުރެވިއްޖެ ހިނދެއްގައި އެކަމެއް ބަލައި ތަޙްޤީޤުކޮށް ގަވައިދާ ޚިލާފްވި މެންބަރަކު ނުވަތަ މެންބަރުންނާއި މެދު އަޅަންވީ އިޞްލާޙީ ފިޔަވަޅުތަކުގެ ލަފާ މަޖިލީހުގެ ރައީސަށް އެރުވުމަކީ ސުލޫކު ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މަޖިލީހުގެ ގަވައިދުގެ 97 ވަނަ މާއްދާގެ (ށ) ގައި ވާ ގޮތުގެ މަތިން 1 މާރޗް 2012 ވީ ބުރާސްފަތި ދުވަހު ހިނގި ކަންކަމާ ގުޅޭ ގޮތުންވެސް އަދި އޭގެ ކުރިން މަޖިލީހުގައި ހިނގާފައިވާ މިފަދަ ކަންކަމާ ގުޅޭ މައްސަލަތައްވެސް މަޖިލީހުގެ ރައީސް ވަނީ ސުލޫކު ކޮމިޓީއަށް ފޮނުއްވާފައެވެ.

19 މާރޗް 2012 ވަނަ ދުވަހު ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ހިނގާ ދިޔަ ހަމަނުޖެހުންތަކުގައި ޖަލްސާ ކުރާ މާލަމުގައި ހުރި ބައެއް ތަކެއްޗައް ވަނީ ގެއްލުންތަކެއް ލިބިފައެވެ. މަޖިލީހުގެ ޖަލްސާކުރާ މާލަމަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން މިހާރު ކުރިއަށް އެބަގެންދެއެވެ.