އަލްއުސްތާޛް ފަތުޙުﷲ ޖަމީލްގެ ޛިކުރާ އާކޮށް ހެޔޮ ދުޢާ ކުރުމުގެ ވަގުތުކޮޅެއް ފާހަގަ ކޮށްފި

އަލްއުސްތާޛް ފަތުޙުﷲ ޖަމީލްގެ ޛިކުރާ އާކޮށް ހެޔޮ ދުޢާ ކުރުމުގެ ވަގުތު ކޮޅެއް ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ފާހަގަ ކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މިއަދުގެ ޖަލްސާ ފެއްޓެވުމަށްފަހު ދެއްކެވި ވާހަކަފުޅު ތިރީގައި މިވަނީއެވެ.

މިއަދުގެ އެޖެންޑާ އައިޓަމު 2 އަށް ދިޔުމުގެ ކުރިން އަޅުގަނޑުމެންގެ މި ދިވެހި ޤައުމަށް ވަރަށް ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ޢިއްޒަތްތެރިއެއްގެ ޒިކުރާ އާކޮށްލުމަށް އަޅުގަނޑު ތި ބޭފުޅުންގެ އަރިހުން ވަގުތުކޮޅަކަށް އެދޭނަން. ދިވެހި ޤައުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޢިއްޒަތްތެރިއެއް ކަމުގައިވާ އޮނަރަބަލް އަލްއުސްތާޛް ފަތުޙުﷲ ޖަމީލް ވަނީ 1 މާރޗް 2012 ވީ ބުރާސްފަތި ދުވަހު މި ދުނިޔެ ދޫކުރައްވައި ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރައްވާފަ. އަލްއުސްތާޛު އަލްމަރުޙޫމް ފަތުޙުﷲ ޖަމީލަކީ ރައްޔިތުންގެ މަޖިލީހުގަޔާއި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅެއް. އެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި 16 ފެބްރުއަރީ 1988 އިން ފެށިގެން 6 އޮކްޓޯބަރ 2005އާ ހަމައަށް، އާދެ! (17 އަހަރާއި 7 މަހާއި 20 ދުވަސް) ވަންދެން މެންބަރުކަން ކުރައްވާފައިވޭ. އަދި 29 ނޮވެމްބަރ 1980 އިން ފެށިގެން 6 ނޮވެމްބަރ 1997އާ ހަމައަށް ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައިވޭ. މީގެއިތުރުން މިހާރު ޢަމަލުކުރަމުން މިދާ ޤާނޫނުއަސާސީ އެކުލަވައިލުމަށް ޓަކައި އެއްކުރެވުނު ޚާއްޞަ މަޖިލީހުގައި 15 ޖޫން 2004 އިން ފެށިގެން 16 ޖުލައި 2005އާ ހަމައަށް މެންބަރުކަން ކުރައްވާފައިވޭ. އަލްއުސްތާޛު ފަތުޙުﷲ ޖަމީލަކީ ރައްޔިތުންގެ މަޖިލީހުގައި ވެސް އަދި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައި ވެސް ބަހުސްތަކުގައި އިސްނަންގަވާ، މައްސަލަތަކަށް ހައްލުހޯއްދެވުމަށް މަސައްކަތްކުރެއްވި ބޭފުޅެއް. އަދި މަޖިލީހުގައި ކުރެވޭ ބަހުސްތަކުގައި ބިނާކުރަނިވި ޚިޔާލުދެއްވައި މަޝްވަރާތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވަމުން ގެންދެވި ބޭފުޅެއް ވެސް މެ. އަލްއުސްތާޛު ފަތުޙުﷲ ޖަމީލަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަން 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައިވާ ބޭފުޅެއް. އެ މަނިކުފާނަކީ މި ސަރަހައްދުގެ ޤައުމުތަކުގަޔާއި އަދި ޢަރަބި ދުނިޔޭގަޔާއި އިސްލާމިކް ކޮންފަރެސާއި ކޮމަންވެލްތުގަޔާއި، އަދި އދ.ގެ މަޖިލީހުގައި އެންމެންގެ އިޙްތިރާމާއި ލޯބި ހޯއްދަވާފައިވާ ޑިޕްލޮމެޓެއް. ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެ ތަޢާރަފުކޮށްދެއްވުމުގައި ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވޭ. އޭގެ ސަބަބުން ބޭރު ދުނިޔޭގަޔާއި ބޭރު ދުނިޔޭގައި ރާއްޖޭގެ ނަން މަޝްހޫރުވެ، ރާއްޖެ އަށް ލިބެމުންދިޔަ އެހީތައް އިތުރުވަމުންދިޔަ. ފިނި ހަނގުރާމައިގެ ދުވަސްވަރުގަޔާއި ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ބޮޑެތި ހަނގުރާމަތައް ހިނގަމުންދިޔަ ދުވަސްވަރެއްގައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށް ގެންގޮސްދެއްވި ބޭފުޅެއް. އަލްމަރްޙޫމް ފަތުޙުﷲ ޖަމީލު، ދިވެހި ޤައުމަށް ކޮށްދެއްވި ގިނަގުނަ ޚިދުމަތްތަކުގެ ތެރޭގައި ކީރިތި ޤުރުއާން ދިވެހިބަހަށް ތަރުޖަމާކުރުމަށް 26 އެޕްރީލް 1971ގައި އެކުލަވައިލެއްވި ކޮމިޓީގައި ހިމެނިވަޑައިގެން ޤުރުއާން ތަރުޖަމާކުރެއްވުމުގެ މަސައްކަތްޕުޅުކުރައްވާފައިވޭ. އަލްމަރްޙޫމް ފަތުޙުﷲ ޖަމީލަކީ ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތްތެރި ވެރިކަމުގެ ޢިއްޒަތް ދިވެހި ދައުލަތުން އަރުވާފައިވާ ބޭފުޅެއް. މި ހިތާމަވެރި ފުރުޞަތުގައި އަލްއުސްތާޛު އަލްމަރްޙޫމް ފަތުޙުﷲ ޖަމީލުގެ ލޮބުވެތި އަނބިކަނބަލުންނާއި ދަރިކަލުންނާއި ދެ ދަރިކަނބަލުންނަށާއި އެ މަނިކުފާނުގެ ޢާއިލާ އަށް ލިބިވަޑައިގެންނެވި ފުން ހިތާމައިގައި އަޅުގަނޑުމެން އެންމެން ބައިވެރިވެ އެ އެންމެ ބޭފުޅުންނަށް އިޚްލާޞްތެރިކަމާ އެކު ތަޢުޒިއާ ދަންނަވަން. އަދި މާތްﷲ އެ ބޭފުޅުންނަށް ކެތްތެރިކަންދެއްވުން އެދި ދުޢާކުރަން. كُلُّ نَفْسٍ ذَائِقَةُ الْمَوْتِ ثُمَّ إِلَيْنَا تُرْجَعُوْنَ. رَبَّنَا إِنَّنَا سَمِعْنَا مُنَادِيًا يُنَادِي لِلْإِيمَانِ أَنْ آمِنُوا بِرَبِّكُمْ فَآمَنَّا رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ. رَبَّنَا وَآتِنَا مَا وَعَدْتَنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ إِنَّكَ لَا تُخْلِفُ الْمِيعَادَ. އަލްއުސްތާޛު ފަތުޙުﷲ ޖަމީލުގެ ޛިކުރާ އާކޮށް، އެ މަރުޙޫމްގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތްލެއްވުން އެދި ދުޢާކުރުމަށް އަޅުގަނޑާ އެކު ތިޔަ އެންމެ ބޭފުޅުން، ތިޔަ އެންމެ ޢިއްޒަތްތެރި މެންބަރުން ވަގުތުކޮޅެއް ހޭދަކޮށްދެއްވުމަށް ދަންނަވަން.

މިހިސާބުން މަޖިލީހުގެ ރައީސްއާއެކު ހުރިހާ މެންބަރުން ތެދުވެވަޑައިގެން ދުޢާ ކުރެއްވުމުގައި ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ.