އަލްއުސްތާޛް އަލްމަރުޙޫމް ފަތުޙުﷲ ޖަމީލްގެ ޛިކުރާ އާކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގައި ވަގުތުކޮޅެއް ހޭދަކޮށްފި

އަލްއުސްތާޛް އަލްމަރުޙޫމް ފަތުޙުﷲ ޖަމީލްގެ ޛިކުރާ އާކުރުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަގުތުކޮޅެއް ހޭދަކޮށްފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ މަޖިލީހުގެ ރައީސް ފެއްޓެވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި އަލްއުސްތާޛް ފަތުޙުﷲ ޖަމީލް ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ އަގުހުރި ޚިދްމަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި ރައްޔިތުންގެޚާއްޞަ މަޖިލީހުގައި އެމަނިކުފާނު އަދާކުރެއްވި ދައުރުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

އަލްއުސްތާޛް ފަތުޙުﷲ ޖަމީލް އަކީ ރާއްޖޭގެ ޚާރިޖީ ވަޒީރުކަން ވެސް ދިގު މުއްދަތެއްގައި ކުރައްވާފައިވާ ބޭފުޅަކަށްވާތީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ގެންޅުއްވި ސިޔާސަތުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. އަދި އެމަނިކުފާނުގެ ޚާރިޖީ ވަޒީރު ކަމުގައި އެކި ރޮނގު ރޮނގުން ރާއްޖެއަށް ހޯއްދަވައިދެއްވި ކުރިއެރުންތަކުގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި އަލްއުސްތާޛް ފަތުޙުﷲ ޖަމީލް ގެ އަނބިކަނބަލުންނާއި ދަރިކަލުންނާއި ދެދަރިކަނބަލުންނާއި ޢާއިލާއަށް ކެތްތެރިކަންދެއްވުން އެދި މާތް ﷲ ގެ ޙަޒްރަތުގައި ދުޢާ ދަންނަވައި މަރްޙޫމް ފަތުޙުﷲ ޖަމީލް އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި ދުޢާ ދެންނެވިއެވެ. އެއަށްފަހު އެ މަރުޙޫމަށް ހެޔޮ ރަޙްމަތް ލެއްވުންއެދި ދުޢާ ދެންނެވުމުގައި މަޖިލީހުގެ ރައީސް އާއި މެންބަރުން ވަގުތުކޮޅެއް ހޭދަ ކުރެއްވިއެވެ.