ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވައިފި

މިއަދު 10:00 ޖެހިރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ރިޔާސީ ބަޔާން އިއްވަވާދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ގެއަށް ވެދެވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެ އިސްތިޤްބާލް ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަލްފާޟިލް އަޙްމަދު ނާޒިމް.

މަޖްލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދު މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފައްޓަވައިދެއްވުމަށްފަހު، އަލްއުސްތާޛް އަލްމަރްޙޫމް ފަޠުހުﷲ ޖަމީލްގެ ޒިކުރާ އާކޮށް އެމަރުޙޫމުގެ މައްޗައް ދުޢާކުރެއްވުމަށް ވަގުތުކޮޅެއް މެންބަރުންނާއެކު ހޭދަކުރެއްވިއެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ރައީސް ޤާނޫނުއަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސީ ބަޔާން އިއްވަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު އަށް ދެންނެވުމުން، ޖަލްސާއަށް ހުރަސްއަޅަން މަސައްކަތް ކުރައްވާފައިވާ ބައެއް މެންބަރުން ކަމުގައިވާ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާއާއި، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހްމީއާއި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދުއާއި، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދުއާއި، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމްއާއި، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒްއާއި، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދުއާއި، ތިނަދޫ ދާއިރާގެ މެންބަރމުޙައްމަދު ޤަސަމްއާއި، މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤްއާއި އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު އަބްދުލް ޤަފޫރު މޫސާ ގެ ނަން އިއްވަވައިފައިވެއެވެ. އެކި ފަހަރު މަތިން ނަންއިއްވެވި މިމެންބަރުން މަޖިލީހުގެ މާލަމުން ނެރުމައްޓަކައި ޖަލްސާ މެދުކަނޑާލަންވެސް ޖެހިފައިވެއެވެ.