މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ ފާހެއްނުވި

މިއަދު އޮތް 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ 62 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ 35 މެންބަރަކު ސޮއިކުރައްވައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލަ ފާހެއްނުވިއެވެ. ޤާނޫނުއަސާސީގެ 101 ވަނަ މާއްދާގެ (ނ)ގައި ވަނީ ވަޒީރުންގެ މަޖިލީހެއްގެ މެންބަރެއްގެ އިތުބާރު ނެތްކަމަށް ފާސްވެއްޖެކަމަށް ބެލެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. އެހެންކަމުން މިއަދުގެ މިމައްސަލައަށްވަނީ 39 މެންބަރުންގެ ވޯޓްގެ އަޢުލަބިއްޔަތު ނުލިބި ފާސްނުވެފައެވެ.

މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށަހަޅުއްވައިދެއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ. މިމައްސަލައަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ޖަވާބުދެއްވަމުން ވިދާޅުވީ މިސަރުކާރަކުންނެއް އަދި އިޒްރޭލާއެކު ސިޔާސީ ގުޅުން ޤާއިމްކޮށްފައެއް ނޯންނާނެކަމަށާއި، 15 ސެޕްޓެމްބަރ 2009 ގައި ސޮއިކޮށްފައިވަނީ ސިއްޙީ ރޮނގުންނާއި، ތަޢުލީމީ ރޮނގުންނާއި، ފަތުރުވެރިކަމުގެ ރޮނގުން އެއްބާރުލުން ހޯދުމާއިގުޅޭ އެއްބަސްވުންތަކެއްގައިކަމަށެވެ.

މިއަދުގެ ޖަލްސާގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދުގެ މައްޗަށް ހުށަހަޅުއްވާފައިވާ އިތުބާރުނެތްކަމުގެ މައްސަލާއާމެދު ގޮތެއް ނިންމެވުމަށްފަހު، ކުރިއަށްގެންގޮސްފައިވަނީ ހެއްކާބެހޭ ބިލުގެ ދެވަނަ ކިޔުމުގެ ބަހުސްގެ މަރުޙަލާއެވެ. މިއަދުގެ ޖަލްސާގައި މިބިލް މަޖިލީހުން ބަލައިގަނެވަނީ ދާޚިލީ ކަންކަމުގެ ކޮމެޓީއަށް ފޮނުއްވާފައެވެ.

73 މެންބަރުން ހާޒިރުވެވަޑައިގެންނެވި މިއަދުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުއެވެ.

މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ 16 ނޮވެމްބަރ 2009 ވާ ހޯމަދުވަހުގެ ހެނދުނު 9 ޖަހާއިރުއެވެ.