އެމެރިކާގެ ކޮންގްރެޝަނަލް ސްޓާފްގެ ވަފްދަކާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުންގެންދަވާ ޔުނައިޓެޑް ސްޓޭޓްސްގެ ކޮންގްރެޝަނަލް ސްޓާފްގެ ވަފްދު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް އަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިވަފްދުގައި އިސްކޮށް ހުންނެވީ އެމެރިކާގެ ކޮންގްރެސްގެ ސަބް ކޮމިޓީ އޮން ދި މިޑްލް އީސްޓް އެންޑް ސައުތް އޭޝިއާ އަދި ކޮމިޓީ އޮން ފޮރިން އެފެއާޒްގެ ސްޓާފް ޑިރެކްޓަރ، މިސްޓަރ ކެވިން ފިޓްޒްޕެޓްރިކްއެވެ. އޭނާގެ އަރިހުގައި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭ ސަބްކޮމިޓީ އޮން އޯވަރސައިޓް، އިންވެސްޓިގޭޝަންސް އެންޑް މެނޭޖްމެންޓް، އަދި ހައުސް ކޮމިޓީ އޮން ހޯމްލޭންޑް ސެކިއުރިޓީގެ ސްޓާފް ޑިރެކްޓަރ، މިސްޓަރ ނިކޮލަސް ޕަލަރީނޯ އާއި، ކޮމިޓީ އޮން ފޮރިން އެފެއާޒްގެ ސީނިއަރ ޑެޕިއުޓީ ޗީފް ކައުންސިލް، މިސްޓަރ ޑެނިއަލް ސިލްވަރބަރގް އާއި ޑިރެކްޓަރ އޮފް ދަ އޮފިސް ފޮރ އިންޑިއާ، ނޭޕާލް، ސްރީލަންކާ އެންޑް ބަންގްލަދޭޝް އޮފް ދި ސްޓޭޓް ޑިޕާޓްމަންޓްސް ސައުތު އެންޑް ސެންޓްރަލް އޭޝިއާ ބިއުރޯ، މިސްޓަރ އަތުލް ކެޝަޕް އަދި ޔޫ.އެސް އެމްބަސީގެ ޑެޕިއުޓީ ޕޮލިޓިކަލް ޗީފް، މިސްޓަރ ކްރިސްޓޮފަރ ގަނިންގ ހިމެނެއެވެ.

މިއަދު ހެނދުނު 11:30 ގައި ރައްޔިތުންގެ  މަޖިލީހުގެ އިދާރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މަޖިލީހުގެ މަސައްކަތްތައް ރޭވިފައި ހުރި ގޮތުގެ މައްޗައް އަލިއަޅުވާލައްވާ އެބޭފުޅުންނަށް މަޖިލީހުގެ ރައީސް މަޢުލޫމާތު ދެއްވިއެވެ. އަދި ޔޫ.އެސް ކޮންގްރެސްގައި ރައްޔިތުންގެ މަޖިލީހަށް ވެދެއްވިދާނެ އެހީތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.