ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވޭނެ ތާރީޚެއް އޮޅުންފިލުވުމަށް މީޑިއާގެ ތަފާތު ވަސީލަތްތަކުން ސުވާލުކުރަމުން ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނެރުއްވާ ނޫސް ބަޔާން

1 މާޗް 2012 ވީ ބުރާސްފަތި ދުވަހު އަޅުގަނޑު ބޭއްވި ނޫސް ކޮންފަރެންސްގައި ދެންނެވިފަދައިން ސުލްޙަވެރި ކަމާއެކު ޚިޔާލު ތަފާތުވުންތައް އެއްގޮތް ކުރުމަކީ އަޅުގަނޑު އެދޭކަމެއްކަމުގައި ވާތީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ ރޫޙަށް ރިޢާޔަތްކޮށް މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި އަޅުގަނޑު މިގެންދަނީ މަޝްވަރާކުރަމުންނެވެ.

މިވަގުތު ކަންތައްތައް ހުރިގޮތުން ޕާޓީ ތަކުގެ ލީޑަރުންނާއިއެކު އެއްމޭޒެއްގެދޮށުގައި ބައްދަލުވުންތައް ކުރިއަށް ނުގެންދިޔަ ކަމުގައިވިޔަސް ވަކިވަކި ބައްދަލުވުންތަކުގައި ޕާޓީތަކުގެ ޚިޔާލު ހުރިގޮތް އަޅުގަނޑު މިގެންދަނީ ހޯދަމުންނެވެ.

ޕާޓީތަކުގެ މެދުގައި ކުރެވޭ މަޝްވަރާތަކާބެހޭގޮތުން މިވަގުތު މީޑިއާއަށް އެއްވެސްކަމެއް ހާމަކުރުމަކީ އަޅުގަނޑު ދެކޭގޮތުގައި މަޝްވަރާތަކަށް ހުރަސްތަކެއް އެޅިދާނެކަމެކެވެ. އަދި އެދެވޭ ޙައްލެއް ހޯދުމަށްކުރާ މަސައްކަތަށް ދަތިތަކެއް ކުރިމަތިވެ ކަންތައްތައް އިތުރަށް ގޯސްވެގެން ހިނގައިދާނެ ކަމެއް ކަމުގައިވެސް އަޅުގަނޑު ދެކެމެވެ.

އެހެންކަމުން މިފަދަ ޙައްސާސް ވަގުތެއްގައި މަޝްވަރާކޮށްގެން ޙައްލު ހޯދުމުގެ މުހިންމުކަން ދެނެގަނެ މަޝްވަރާތަކަށް ހުރަސްއެޅޭފަދަ ޢަމަލު ތަކުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކަކަށްވެސް އަޅުގަނޑު އިލްތިމާސްކުރަމެވެ.

14 ރަބީޢުލްޢާހިރު 1433

7 މާޗް 2012