އަލްއުސްތާޛު ފަތުޙުﷲ ޖަމީލަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ވަރުގަދަ އެންމެ ކާމިޔާބު ޑިޕްލޮމެޓް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ

އަލްއުސްތާޛް ފަތުޙުﷲ ޖަމީލަކީ މިހާތަނަށް ރާއްޖެ ދުށް އެންމެ ވަރުގަދަ އެންމެ ކާމިޔާބު ޑިޕްލޮމެޓް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިހާރު ހުޅުވާފައިވާ އަލްއުސްތާޛް އަލްމަރްޙޫމް ފަތުޙުﷲ ޖަމީލުގެ ތަޢުޒިޔާގެ ދަފްތަރުގައި މިއަދު ލިޔުއްވި ލިޔުއްވުމުގައެވެ.

އެމަނިކުފާނު ވިދާޅުވީ އަލްއުސްތާޛް ފަތުޙުﷲ ޖަމީލަކީ އެމަނިކުފާނުގެ ވަޒީރުކަމުގައި ހަރުދަނާ ސިޔާސަތުތަކެއްގެ މަތީގައި ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ބިންގާ އަޅުއްވައިދެއްވި ބޭފުޅެއްކަމަށެވެ. އަދި ފިނިހަނގުރާމައިގެ އެންމެ ހޫނުގަދަ ދުވަސްވަރާއި، ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ބޮޑެތި ހަނގުރާމަތައް ހިނގަމުންދިޔަ ދުވަސްވަރެއްގައި ވަކި ފަރާތަކަށް ނުޖެހުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށް ގެންގޮސްދެއްވިކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ލިޔުއްވާފައިވެއެވެ. އަދި ސައްތައިން ސައްތަ މުސްލިމް ގައުމެއްގެ ގޮތުގައިވާ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ އިސްލާމީ މުޖުތަމައުގައި އެންމެ ޝަރަފުވެރި އެއްމެންބަރުގެ ގޮތުގައި ތަމްސީލުކޮށްދެއްވާފައިވާ ކަމުގައިވެސް ލިޔުއްވާފައިވެއެވެ. މީގެއިތުރުން އދ. ގެ ތެރޭގައި ރާއްޖޭގެ ފަރާތުން އެކިއެކި ކަންކަމުގައި އިސްނަންގަވައި ކާމިޔާބުކަމާއެކު ރާއްޖޭގެ ފަރާތުން ހުށަހެޅި އެތަކެއް ޤަރާރު މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ރުހުމާއެކު ފާސްކުރައްވާފައިވާކަމަށާއި ހެޔޮ ވެރިކަމާއި ޑިމޮކްރެޓިކް އުސޫލުތައް ޤައުމުތަކުގެ މެދުގައި ފެތުރުމަށް ކުރެވެމުންދިޔަ މަސައްކަތުގައި އިސް ދައުރެއް ރާއްޖޭގެ ފަރާތުން ކޮމަންވެލްތްގައި އަދާކުރައްވާފައިވާކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެފައިވެއެވެ. އަދި މީގެއިތުރުން މަޖިލީހުގެ ރައީސް ތަޢުޒިޔާގެ ދަފްތަރުގައި ލިޔުއްވި ލިޔުއްވުމުގައިވެއެވެ.

“މިނިސްޓަރ ޖަމީލަކީ ދެކުނުއޭޝިއާގަ އާއި ޢަރަބި ދުނިޔޭގައާއި ކޮމަންވެލްތުގެ ޤައުމުތަކާއި އަދި އދ. މަޖިލީހުގައި އެންމެ މަޤްބޫލު އަދި އެންމެން އިޙްތިރާމްކުރާ މިނިސްޓަރެއްގެ ގޮތުގައި 27 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ދިދަ އަމާނާތްތެރިކަމާއެކު ޝަރަފުވެރިކަމާއެކު އުފުއްލަވައިދެއްވި ވަޒީރެކެވެ. ދިވެހިރާއްޖެއިން މިއަދު ގެއްލިގެން މިދިޔައީ އަގުހުރި ދިވެހި ދަރިއެކެވެ. ޚިކުމަތްތެރި ޑިޕްލޮމެޓެކެވެ. ސިޔާސީ މުފައްކިރެއްވެސްމެއެވެ.”

ތަޢުޒިޔާގެ ދަފްތަރުގައި މަޖިލީހުގެ ރައީސް ލިޔުއްވި ލިޔުއްވުމުގައި އަލްއުސްތާޛް އަލްމަރްޙޫމް ފަތުޙުﷲ ޖަމީލަކީ ހުނަރުވެރި ފަންނާނެއްކަމަށާއި، ކުރެހުންތެރިއެއްކަމަށާއި އަދި ޅެންވެރިއެއްކަމަށާއި، މިއުޒިކް ކުޅުއްވައި އުޅުއްވި ބޭފުޅެއްކަމުގައި ލިޔުއްވާފައިވެއެވެ. އަދި އަލްމަރްޙޫމް ފަތުޙުﷲ ޖަމީލަކީ މިއަދުގެ ޚާރިޖިއްޔާ ހިނގަމުންދާ ޢިމާރާތް ޑިޒައިން ކުރެއްވި ބޭފުޅާކަމުގައިވެސް ވިދާޅުވެފައިވެއެވެ. އެ ޢިމާރާތުން ދައްކައިދޭ ރިޔާތަކުގައި ވައިއަޅައި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކުރިއަށް ދަތުރުކުރާ ކޮންމެ ދަތުރުކުރުމެއްގައި އެމަނިކުފާނުގެ ޚިދުމަތްތަކުގެ އަޑު ޖައްވުގެ ތެރޭގައި ފެތުރެމުންދާނެކަމުގައި ލިޔުއްވާފައިވެއެވެ.

މަޖިލީހުގެ ރައީސް ލިޔުއްވި ލިޔުއްވުމުގައި އަލްއުސްތާޛް ފަތުޙުﷲ ޖަމީލަކީ މުވައްޒަފުންނަށް އޯގާތެރި ރަނގަޅު ވެރިއެއްކަމަށާއި، އެންމެންނާވެސް އެކުވެރި މިޒާޖެއް ގެންގުޅުއްވި ރަޙްމަތްތެރި ބޭފުޅެއްކަމުގައި ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނަކީ ގާތްކަން އަބަދުވެސް ބަހައްޓަވާ އާޢިލާގެ ލޯބި ލިބިވަޑައިގެންފައިވާ ބޭފުޅެއްކަމުގައިވެސް ވިދާޅުވެފައިވެއެވެ.

މަޖިލީހުގެ ރައީސް ތަޢުޒިޔާގެ ދަފްތަރުގައި ލިޔުއްވި ލިޔުއްވުން ނިންމަވާލައްވާފައިވަނީ މިހިތާމަވެރި ދަނޑިވަޅުގައި އެމަނިކުފާނުގެ އަނބިކަނބަލުންނާއި ބޭފުޅުންނާއި އެމަނިކުފާނުގެ އާޢިލާއަށާއި ގާތްތިމާގެބޭފުޅުންނަށާއި، އެކުވެރި އެންމެހައި ރަހްމަތްތެރިންނަށް އިޚްލާސްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވަމުންނެވެ. އަދި މަރުޙޫމުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުުމަތް މިންވަރުކޮށްދެއްވުންއެދި ދުޢާދަންނަވަމުންނެވެ.

11 ރަބީޢުލްއާޚިރު 1433

4 މާޗް 2011