ކެނެޑާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބައްދަލުކުރައްވައިފި

ކެނެޑާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ބްރޫސް ލެވީ (Mr. Bruce Levy) މިމަހުގެ 26 އިން 28 އަށް ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙާ ބެހޭގޮތުން ޚިޔާލު ބަދަލުކުރައްވާ މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ ކަންތައްތައް ޙައްލުކުރެއްވުމުގައި މަޖިލީހުން ވަރަށް މުޙިންމު ދައުރެއް އަދާކުރެއްވޭނޭކަމަށް މިސްޓަރ ބްރޫސް ލެވީ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ކެނެޑާއާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށް ވިދާޅުވެ، ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ފުރިހަމަ ނިޒާމެއް ޤާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކަށް ކެނެޑާއިން ދެއްވާފައިވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށް ޝުކުރުއަދާކުރެއްވިއެވެ. ކެނެޑާއާއި ދިވެހިރާއްޖެ އަކީ ކޮމަންވެލްތުގެ މެމްބަރުންނެވެ.