ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިި

ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިިއެވެ. އެއީ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާއި މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީ އަދި ޤައުމީ ސަލާމަތު ކޮމިޓީ އެވެ.

ޤައުމީ ސަލާމަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދެވުނީ މެންދުރު 14:10 ން 14:30 އަށެވެ. މި ބައްދަލުވުން ބޭއްވުނީ ދިވެހިރާއްޖޭގެ އިޖްތިމާޢީ ޢަދުލުގެ ނިޒާމު ހަލާކުވެ ޤައުމުގެ ޢާންމު މަސްލަޙަތު ގެއްލި ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ އެއްވުންތަކެއް މާލޭގައި މެދުކެނޑުމެއްނެތި ބާއްވަމުން ގެންދާތީ، މިކަމުގައި ޙައްލެއް  ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ދަށުން ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ހުށަހަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެންނެވެ. މި ބައްދަލުވުމުގައި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޠާރިޤް ހުށަހެޅުއްވި މިމައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށްޓަކައި، ޑިފެންސް މިނިސްޓަރާއި، ހޯމް މިނިސްޓަރާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސާއި، އަދި ކުރީގެ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުން ކަމުގައިވާ، އައިޝަތު ވެލިޒިނީ އަދި ޑޮކްޓަރ އަފްރާޝީމް ޢަލީ ކޮމިޓީއަށް ދެންނެވުމަށް ނިންމެވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އަދި މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް އެވެ. ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުންނަކީ މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ އެވެ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އާއި ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު ހުންނެވީ ސަލާމްގައެވެ.

ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވުނީ ހަވީރު 16:05 އިން 17:15 އަށެވެ. މި ބައްދަލުވުން ކުރިއަށް ގެންދެވުނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙްމީ އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އެވެ. ބައްދަލުވުމަށް ވަޑައިނުގަންނަވާ މެންބަރުންނަކީ ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު އަދި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން އެވެ. ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް އަށް ވަޑައިނުގެންނެވުނީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.

މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން ބޭއްވުނީ މެންދުރު 13:00ން ހަވީރު 14:50 އަށެވެ. މިއަދުގެ ބައްދަލުވުމުގައި ކުރިއަށް ގެންދެވުނީ ކްރިމިނަލް ކޯޓްގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދުގެ މައްސަލާގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުންކަމުގައިވާ ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންއާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސޮއި ކުރައްވާ 29 ޖެނުއަރީ 2012 ވަނަ ދުވަހު މި ކޮމިޓީއަށް ހުށައެޅުއްވި މައްސަލައާމެދު ވަކި ގޮތެއް ނިންމުމެވެ. އަދި މިމައްސަލައާމެދު މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ 3 މެންބަރުން ސޮއި ކުރައްވާ ފޮނުއްވާފައިވާ ސިޓީގައި އެދިވަޑައިގަންނަވާފައިވާ ތަރުތީބުން އެދިވަޑައިގެންނެވި ފަރާތްތަކާ ބައްދަލު ކުރެއްވުމަށެވެ. މިގޮތުން އެންމެ ފުރަތަމަ ހިއުމަންރައިޓްސް ކޮމިޝަން، ދެވަނައަށް ޖުޑިޝަލް ސަރވިސް ކޮމިޝަން އަދި 3 ވަނަ އަށް ޕްރޮސެކިއުޓަރ ޖެނެރަލްއާ ބައްދަލު ކުރެއްވުމަށް މި ކޮމިޓީގައި އެއްބަސްވެ އެގޮތަށް ނިންމެވިއެވެ. މިބައްދަލުވުމަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހާމިދު ޢަބްދުލް ޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒު، ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު އަދި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އެވެ. މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ ހުންނެވީ ސަލާމްގައެވެ.

7 ރަބީޢުލްއައްވަލް 1433

30 ޖެނުއަރީ 2012