މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވައިފި

މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓްގެ އިސް ޤާޒީ ޢަބްދުﷲ މުޙައްމަދުގެ މައްސަލާގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރު ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިންއާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީއާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ސޮއި ކުރައްވާ ހުށައެޅުއްވި މައްސަލައާމެދު ވަކި ގޮތެއްނިންމެވުން ކުރިއަށް ގެންދަވާފައިވެއެވެ.

މިގޮތުން ކޮމިޓީގައި ބަހުސްކުރައްވައި މި މައްސަލަ ކޮމިޓީގައި ކުރިއަށް ގެންދަވަން ފެނިވަޑައިގަންނަވާތޯ ވޯޓަށް އެއްސެވުމުން، ފެނިވަޑައިގަންނަވާ ކަމަށް ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން އާއި މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ އާއި ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް އަދި ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް ވޯޓުދެއްވާފައިވެއެވެ. ފެނިވަޑައިނުގަންނަވާ ކަމަށް ވޯޓުދެއްވާފައިވަނީ ހެންވޭރު ދެކުނު ދާއިރާމެންބަރު ހާމިދު ޢަބްދުލްޣަފޫރު އާއި ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު އާއި ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ އާއި ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲއެވެ.

އެހެންކަމުން މިބައްދަލުވުމުގައި، މި މައްސަލަ ކުރިއަށް ނުގެންދަވާ ގޮތަށް ނިންމަވައި ކޮމިޓީ ބައްދަލުވުން ނިންމަވާލެއްވިއެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހެންވޭރު ދެކުނު ދާއިރާމެންބަރު ހާމިދު ޢަބްދުލްޣަފޫރު، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ކަނޑިތީމު ދާއިރާގެ މެންބަރު މުޙަންމަދު ޙުސައިން، މަޑުއްވަރި ދާއިރާގެ މެންބަރު ވިސާމް އަލީ، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ޙަމްޒާ، އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު ޢަބްދުﷲ، ހަނިމާދޫ ދާއިރާގެ މެންބަރު މުޙަންމަދު މުޖުތާޒް،  ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ނަޝީދު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ. މުލަކު ދައިރާގެ މެންބަރު އަބުދުﷲ ޔާމީން ހުންނެވީ ސަލާމުގައެވެ.

 

29 ޞަފަރް 1433

23 ޖެނުއަރީ 2012