ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުން މިއަދު ބާއްވައިފި

މިއަދު ބޭއްވުނު ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު 123 ވަނަ މާއްދާގެ (ހ) ގެ ދަށުން ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 3 މެންބަރުން ސޮއި ކުރައްވައި “ދިވެހިރާއްޖޭގެ އަސްކަރީ ބާރުތަކާއި، ދިވެހި ފުލުހުން ޣައިރު ޤާނޫނީ ގޮތުން ކަންތައްތަކެއް ހިންގައިފައިވާތީ، މިކަންކަމުގައި އެ މުއައްސަސާތަކުން ކަންތައްތައް ކުރި ގޮތް ބަލާ އެކަންތައްތަކާ ގުޅޭ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅުއްވައިދެއްވުން” އެދި މައްސަލައެއް ހުށަހަޅުއްވާފައިވާތީ އެ މައްސަލައާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި މިމައްސަލައާއި ގުޅޭގޮތުން މައުލޫމާތު ސާފުކުރެއްވުމަށް 13:00 އަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް އަދި 14:00 އަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ފަސީޙް، 22 ޖެނުއަރީ 2012 ގެ 13:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންދެއްވުމަށް ދެންނެވުމަށް ކޮމިޓީގެ ބައްދަލުވުމަށް ވަޑައިގެންތިއްބެވި މެންބަރުންގެ އިއްތިފާޤުން ނިންމެވިއެވެ.

މިއަދު ބޭއްވުނު މިކޮމިޓީގެ ބައްދަލުވުން ފުރަތަމަ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްގެންދަވެމަށްފަހު، މިކޮމިޓީގެ ބައްދަލުވުންތަކަކީ ސިއްރު ބައްދަލުވުންތަކެއްގެ ގޮތުގައި ކުރިއަށް ގެންދެވިދާނެ ބައްދަލުވުންތަކެއްތޯ ސާފުކުރެއްްވުމަށް 28 ޑިސެމްބަރ 2011 ވަނަ ދުވަހު ބޭއްވުނު މި ކޮމިޓީގެ ބައްދަލުވުމުގައި ކައުންސެލް ޖެނެރަލްގެ ލަފާފުޅަކަށް އެދިފައިވާ މައްސަލައިގައި ކޮމިޓީގެ ކޮންމެ ބައްދަލުވުމެއްވެސް ސިއްރުކުރަން ބޭނުންފުޅުނަމަ، އެބައްދަލުވުމެއްގައި ވޯޓު ނަންގަވައި އެބައްދަލުވުމެއް ސިއްރުކުރުމަށް ނިންމުމުން ކޮމިޓީިގެ ބައްދަލުވުން ސިއްރުކުރެވޭނެ ކަމުގައި ކައުންސެލް ޖެނެރަލް ކޮމިޓީއަށް ދެއްވާފައިވާ ލަފާގައިވާ ގޮތުގެމަތިން، މި ބައްދަލުވުން ސިއްރުކުރުމާއި ނުކުރުމާއި މެދުގައި ކޮމިޓީގައި މަޝްވަރާކުރެއްވުމަށް ހުޅުވާލި ފުރުސަތުގައި، މި މައްސަަލަ ދިރާސާކުރެއްވުމަށް ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން މިއަދުގެ ބައްދަލުވުން ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވައި މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން ތާޢީދުކުރެއްވުމުން، މި ހުށަހެޅުމަށް ކޮމިޓީގެ އެއްވެސް މެންބަރަކު އިޢުތިރާޒުކޮށްފައިނުވުމުން، މިބައްދަލުވުން ޢާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމަށް ވަޑައިގެން ތިއްބެވި މެންބަރުން އިއްތިފާޤުން ފާސްވިއެވެ.

މިކޮމިޓީއަށް ވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢަލީ ޢާޒިމް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ، ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ހިންންވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ، ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނަޢީމް، މުލަކު ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން، ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްޙާން ފަޙްމީއެވެ.

މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ހުންނެވީ ސަލާމުގައެވެ.

27 ޞަފަރް 1433

21 ޖެނުއަރީ 2012