ޤައުމީ ސަލާމަތުގެކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި

ޤައުމީ ސަލާމަތުގެކޮމިޓީގެ ބައްދަލުވުން 17 ޖެނުއަރީ 2012 ވީ އަންގާރަދުވަހުގެ ރޭގަނޑު 20:05 ން 22:20 އަށް ބާއްވައިފިއެވެ.

މިބައްދަލުވުމަކީ ދިވެހިރާއްޖޭގެ އަސްކަރީ ބާރުތަކާއި، ދިވެހި ފުލުހުން ޣައިރު ޤާނޫނީ ގޮތުން ކަންތައްތަކެއް ހިންގާފައިވާތީ، އެމައްސަލަ ބައްލަވައިދެއްވުމަށް އެދިވަޑައިގެން، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ގެ ދަށުން މިކޮމިޓީގެ ބައްދަލުވުމެއް ބޭއްވުމަށް އެދިވަޑައިގެން ކޮމިޓީގެ ތިން މެންބަރުން ސޮއިކުރައްވާ ފޮނުއްވާފައިވާ ސިޓީއެއް ލިބިފައިވާތީ،ބޭއްވުނު ބައްދަލުވުމެކެވެ.

މިބައްދަލުވުން ފެއްޓެވުމުގެ ކުރިން، އެންމެ ފުރަތަމަ ކޮމިޓީގައި މަޝްވަރާކުރެއްވީ މި ބައްދަލުވުމަކީ މީޑިއާއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ބައްދަލުވުމެއްތޯ ބެއްލެވުމަށެވެ. އެގޮތުން މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު، ކޮމިޓީން ނިންމެވީ މިބައްދަލުވުން މީޑިއާއަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށެވެ.

އެއަށްފަހު، ހުށަހަޅުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި ސިޓީ ހުށަހަޅުއްވާފައިވާ 3 މެންބަރުން މިމައްސަލަ ހުށަހަޅުއްވާފައިވާ ސަބަބު ބަޔާންކުރެއްވިއެވެ. އެއީ ޖިނާޢީ ކޯޓުގެ އިސްގާޒީ އަލްއުސްތާޛް އަބްދުﷲ މުޙަންމަދު ޤާނޫނުއަސާސީއާ ޚިލާފަށް ހައްޔަރުކޮށްފައިވާ މައްސަލައެވެ. އަދި މައްސަލަ ހުށަހެޅުއްވި 3 މެންބަރުންގެ ތެރެއިން ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއަކީ އަލްއުސްތާޛް އަބްދުﷲ މުޙަންމަދުގެ ވަކީލުކަމަށްވާތީ، މިކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވޭނެތޯ ނުވަތަ ނޫންތޯ މެންބަރުންގެ މެދުގައި ސުވާލު އުފެދުމުން،  މިކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ލަފާފުޅަކަށް އެދިވަޑައިގެންނެވިއެވެ. އަދި ކައުންސެލް ޖެނެރަލް ލަފާދެއްވީ، މަޖިލީހުގެ ގަވާއިދުގެ 51 ވަނަ މާއްދާގެ (ޅ) އަށް ރިޢާޔަތްކޮށް، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާއަށް ގައި ބަޙުސްގައި ބައިވެރިވެވޭނެ ކަމަށާއި، އެހެންނަމަވެސް ވޯޓުގައި ބައިވެރިނުވެވޭނެކަމަށެވެ.

އެއަށްފަހުގައި، ކޮމިޓީގެ މެންބަރުން މިމައްސަލައާ ގުޅިގެން މަޝްވަރާކުރެއްވުމަށްފަހު، ބައެއް މިނިސްޓްރީތަކުންނާއި ސިފައިންގެ ބައެއް ބޭފުޅުން ހާޒިރުކުރުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ. މިގޮތުން މިކަމަށް ވޯޓަށް އެހުމުގެ ކުރިން 5 މިނެޓްގެ ބްރޭކެއް ދެއްވިއެވެ.

ހުސްވަގުތުކޮޅަކަށްފަހު ކޮމިޓީ ފައްޓަވާފައި، ކައުންސެލް ޖެނެރަލް މިމައްސަލަ އިތުރަށް ބެއްލެވުމަށްފަހު، ކޮމިޓީގެ މުޤައްރިރަށް ލަފާއެރުއްވީ ހުށަހަޅުއްވާފައިވާ ސިޓީގެ އިބާރާތް އޮތްގޮތުން މިމައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ބެލެން ނެތްކަމަށެވެ. އެހެންނަމަވެސް، އިބާރާތް ބަދަލުކޮށް އަލުން ހުށަހެޅުމުން މިމައްސަލަ ކޮމިޓީގައި ކުރިއަށް ގެންދެވިދާނެކަމަށެވެ.

އެހެންކަމުން، ކައުންސެލް ޖެނެރަލްގެ ލަފައާ ގުޅޭގޮތުން މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، މިމައްސަލަ ކޮމިޓީގައި ދިރާސާކުރެވެން ނެތްކަމަށް ނިންމެވިއެވެ.

23 ޞަފަރް 1433

17 ޖެނުއަރީ 2012