ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ އެގްޒެކިއުޓިވް ކޮމިޓީގެ ޗެއަރމަން ސަރ.އެލަން ހާރސްޓް އާ މަޖިލީހުގެ ރައީސް ބައްދަލުކުރައްވައިފި

ކޮމަންވެލްތް ޕާލިމެންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ) ގެ އެގްޒެކިއުޓިވް ކޮމިޓީގެ ޗެއަރމަން ސަރ.އެލަން ހާރސްޓް އާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު 9 ޖެނުއަރީ ވި ހޯމަ ދުވަހު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ ޓްރިނިޑާޑް އެންޑް ޓޮބޭގޯގެ ވެރިރަށް ޕޯޓް އޮފް ސްޕެއިން ގައި މަޖިލީހުގެ ރައީސް ހުންނަވާ ހޮޓެލްގައެވެ.

މިބައްދަލުކުރެއްވުމުގައި ސީ.ޕީ.އޭގެ ކުރިއަށް ހުރި ޕްރޮގްރާމްތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ސީ.ޕީ.އޭ އިން ރައްޔިތުންގެ މަޖިލީހަށް ދެއްވަމުން ގެންދަވާ ފަންނީ އެހީތަކަށްޓަކައި އެގްޒެކިއުޓިވް ކޮމިޓީއަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިމަގުގައިވެސް ސީ.ޕީ.އޭގެ އެހީތެރިކަން ރައްޔިތުންގެ މަޖިލީހަށް ދެއްވަމުން ގެންދަވާނެކަމަށް ޔަގީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ސަރ.އެލަން ދެއްކެވި ވާހަކަފުޅުގައި ސީ.ޕީ.އޭގެ އެކިކަންކަމުގައި ރާއްޖެއިން ބަހައްޓާ ޝައުގުވެރިކަމާއި ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކުރެއްވިއެވެ.

17 ޞަފަރް 1433

11 ޖެނުއަރީ 2012