ކޮމަންވެލްތް ގައުމުތަކުގެ ޤާނޫނުހަދާ މަޖިލިސް ތަކުގެ ސްޕީކަރުންގެ ކޮންފަރެންސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިއްޔެ އިންތިޚާބު ކުރައްވައިފި

ކޮމަންވެލްތް ގައުމުތަކުގެ ޤާނޫނުހަދާ މަޖިލިސް ތަކުގެ ސްޕީކަރުންގެ ކޮންފަރެންސްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު އިއްޔެ އިންތިޚާބު ކުރައްވައިފިއެވެ.

އިއްޔެ ބޭއްވުނު ފައިނަލް ޕްލިނަރީގައި އެމަނިކުފާނު އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ހޮވިވަޑައިގަތީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި 47 ގައުމުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ސްޕީކަރުންގެ ޢިއްތިފާގުންނެވެ.

ކޮމަންވެލްތް ގައުމު ތަކުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ ކޮންފަރެންސްގެ އެގްޒެކެޓިވް ކޮމިޓީގައި ހުރިހާ ރީޖަނަކުން މަންދޫބުން ހިމެނިފައިވެއެވެ.

އެގޮތުން ކޮމިޓީގެ ރައީސެއްގެ ގޮތުގައި ހޮވިވަޑައިގަތީ ނިއުޒީލެންޑްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް އޮނަރަބަލް މރ. އެލެގްޒެންޑަރ ލޮކްވުޑް ސްމިތްއެވެ. ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އެހެން ޤާނުނުހަދާ މަޖިލީހުގެ ރައީސުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް މރ. ޖޯން ބާރކޯ އާއި އިންޑިއާގެ ލޮކް ސަބާގެ ރައީސް ސްރީމަތީ މެއިރާ ކުމާރު އާއި މެލޭޝިއާގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ތަން ސްރީ ޕަންޑިކަރ އަމީން މުލިއާ އާއި ސީޝެލްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ޑރ. ޕެޓްރިކް ހާމިނީ އާއި އޮސްޓްރޭލިއާގެ ސްޕީކަރ އާއި ކެނެޑާގެ ސްޕީކަރ ހިމެނިވަޑައިގަންނަވައެވެ.

 

17 ޞަފަރް 1433

11 ޖެނުއަރީ 2012