ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ލޯނުތަކާއި ގެރެންޓީތަކުގެ ލިޔުންތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 32 ވަނަ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ލޯނުތަކާއި ގެރެންޓީތަކުގެ ލިޔުންތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތަށް ފާސްކުރައްވައިފިއެވެ. މިގޮތަށް ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ ޢިއްތިފާގުންނެވެ.

މިއަދުގެ ޖަލްސާގައި މާލިއްޔަތު ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމްއެވެ. މިރިޕޯޓް ހުށަހަޅުއްވައިދެއްވަމުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ލޯނުތަކާއި ގެރެންޓީތަކުގެ މަޢުލޫމާތު މަޖިލީހަށް ފޮނުއްވިއިރު، ޤާނޫނު ނަންބަރު 2010/25 (ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުރިހާ މަޢުލޫމާތު ފުރިހަމަނުވާ ކަމަށް ކޮމިޓީއަށް ޤާނޫނީ ލަފާ ލިބިފައިވާކަމަށެވެ. އަދި އެ މަޢުލޫމާތުގެ ތެރެއިން ބައެއް މަޢުލޫމާތުތަކަކީ ނަގާ ލޯނުތަކާއި ލިބިދޭ ގެރެންޓީތަކުގެ ޓަރމްސް އެންޑް ކޮންޑިޝަންސް ނެގޯޝިއޭޓް ކުރެއްވުމަށްފަހު ނޫނީ ފޯރުކޮށްދެވިދާނެ މަޢުލޫމާތުތަކަށް ނޫންކަމަށް ކޮމިޓީއަށް ފެންނަކަމަށްވެސް ވިދާޅުވެފައިވެއެވެ. އެހެންކަމުން މިމައްސަލައިގައި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުން ޝަރުތުކޮށް ކަމަށް ކޮމިޓީގައި ޙާޒިރުވެ ވަޑައިގެންނެވި މެންބަރުން ޢިއްތިފާގުން ނިންމަވާފައިވާ ކަމަށެވެ.

މިއަދުގެ ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ލޯނުތަކާއި ގެރެންޓީތަކުގެ ލިޔުންތައް މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވައި ނިންމެވި ގޮތުގެ ރިޕޯޓް ހުށަހަޅުއްވައިދެއްވައި ނިމުމުން، ބަހުސް ކުރެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި 10 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.

4 ޞަފަރު 1433

29 ޑިސެމްބަރ 2011