ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަށް 20 އިޞްލާޙެއް ހުށަހަޅުއްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 31 ވަނަ ޖަލްސާގައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލަށް 20 އިޞްލާޙެއް ހުށަހަޅުއްވައިފިއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ވަގުތީ ކޮމިޓީން ދިރާސާކުރައްވައި ފުރިހަމަކުރެއްވި ގޮތުގެ ރިޕޯޓު ކޮމިޓީގެ މުޤައްރިރު ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް މަޖިލީހަށް ހުށަހަޅުއްވައި ދެއްވައި ނިމުމުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހަޅުއްވާފައިވަނީ 16 އިސްލާޙެކެވެ. އަދި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 4 އިސްލާޙެއް ހުށަހަޅުއްވާފައިވެއެވެ.

ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު މަޖިލީހަށްހުށަހެޅުއްވީ 29 އޯގަސްޓް 2010 ގައި އޮތް މަޖިލީހުގެ ދެވަނަ ދައުރުގެ 35 ވަނަ ޖަލްސާގައެވެ. އެބިލާމެދު މަޖިލީހުގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެބިލު އިޞްލާޙުކުރެއްވުމަށްޓަކައި ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލު ދިރާސާކުރެއްވުމަށް ހޮއްވެވި ކޮމިޓީއަށް ފޮނުއްވުމަށް 22 ނޮވެމްބަރ 2010 ގައި އޮތް މަޖިލީހުގެ ތިންވަނަ ދައުރުގެ 15 ވަނަ ޖަލްސާއިން ނިންމެވިއެވެ.

މިއަދުގެ ޖަލްސާ ނިންމަވާލެއްވީ ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލުގެ ބަހުސްގެ މަރުހަލާގައި، ޖަލްސާގެ ޤާނޫނީ އަދަދު ހަމަނުވުމުގެ ސަބަބުން މަޖިލީހުގެ ގަވާއިދުގެ 37 ވަނަ މާއްދާގެ (ނ) ގެ ދަށުންނެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ 29 ޑިސެމްބަރ 2011 ވާ ބުރާސްފަތިދުވަހު ހެނދުނު 09:00 ގައެވެ.

3 ޞަފަރް 1433

28 ޑިސެމްބަރ 2011