އިންޑިޔާއަށާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށާއި، ސިންގަޕޫރަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ހުށަހަޅުއްވާފައިވާ ނަންފުޅުތައް ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމަވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 30 ވަނަ ޖަލްސާގައި، އިންޑިޔާއަށާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށާއި، ސިންގަޕޫރަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ ނަންފުޅުތައް ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމަވާ މަޖިލީހަށް ހުށަހަޅުއްވާފައިވާ ގޮތަށް ފާސްކުރައްވައިފިއެވެ.

މިގޮތުން އަލްފާޟިލް އަމީން ފައިސަލް، ހ. ތަނޑިރަތްމާގެ، އިންޑިޔާއަށްް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ ތެރެއިން 44 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 20 މެންބަރަކު ވޯޓުދެއްވާފައިވާއިރު، 8 މެންބަރަކު ވަކިއަތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

އަދި ސިންގަޕޫރުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުގެ ނައިބު، އަލްފާޟިލް މުޙަންމަދު އިބްރާހިމް ދީދީ، ޏ.ފުވައްމުލައް/ވިދުވަރުގެ، ސިންގަޕޫރަށްް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 1 މެންބަރަކު ވޯޓުދެއްވާފައިވާއިރު، 4 މެންބަރަކު ވަކިއަތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މީގެއިތުރުން އަލްފާޟިލް އަޙްމަދު ރަޝީދު ށ.މާއުނގޫދޫ/ކަރަންކާގެ، ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ފާސްވެފައިވަނީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން 68 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 2 މެންބަރަކު ވޯޓުދެއްވާފައިވާއިރު، 3 މެންބަރަކު ވަކިއަތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

މިއަދުގެ ޖަލްސާގައި ޤައުމީ ސަލާމަތުގެ ކޮމިޓީން ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދުއެވެ. އަދި މަޖިލީހުގެ ގަވައިދުގެ 171 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެ މަތިން މިމައްސަލައަށް ވާހަކަދެއްކެވުމަށް ފުރުޞަތު ހުޅުވާލެއްވުމުން 3 މެންބަރަކު ވާހަކަދައްކަވާފައިވެއެވެ.

އިންޑިޔާއަށާއި، ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށާއި، ސިންގަޕޫރަށް ކަނޑައަޅުއްވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގެ މަޝްވަރާއަކަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވާ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީއަށް ފޮނުއްވާފައިވަނީ 29 އޯގަސްޓް 2011 ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 34 ވަނަ ޖަލްސާގައެވެ.

 

2 ޞަފަރް 1433

27 ޑިސެމްބަރ 2011