މަސްތުވާތަކެއްޗާބެހޭ ބިލަށް އިޞްލާޙު ހުށަހެޅުއްވުން ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 30 ވަނަ ޖަލްސާގައި، މަސްތުވާތަކެއްޗާބެހޭ ބިލަށް އިޞްލާޙު ހުށަހެޅުއްވުން ކުރިއަށް ގެންދަވައިފިއެވެ.

މަސްތުވާ ތަކެއްޗާބެހޭ ބިލު އިޖްތިމާޢީ ކޮމިޓީން ދިރާސާކުރައްވައި ފުރިހަމަކުރެއްވި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވައި ދެއްވައި ނިމުމުން މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 40 އިސްލާޙެއް ހުށަހަޅުއްވާފައިވެއެވެ. އަދި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 3 އިސްލާޙެއް ހުށަހަޅުއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި މިބިލަށް އިޞްލާޙު ހުށަހެޅުވުމުގެ ވަގުތުގައި ކޯރަމް ހަމަނުވުމުގެ ސަބަބުން ރިޔާސަތުންވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.

މަސްތުވާ ތަކެއްޗާބެހޭ ބިލު މަޖިލީހަށްހުށަހެޅުއްވީ 28 ޑިސެމްބަރ 2009 ގައި އޮތް މަޖިލީހުގެ 79 ވަނަ ޖަލްސާގައެވެ. އެބިލާމެދު މަޖިލީހުގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެބިލު އިޞްލާޙުކުރެއްވުމަށްޓަކައި އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް 22 މާޗް 2010 ގައި އޮތް މަޖިލީހުގެ 52 ވަނަ ޖަލްސާއިން ނިންމަވާފައިވެއެވެ.

 

2 ޞަފަރް 1433

27 ޑިސެމްބަރ 2011