5 ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 5 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އާއި ސުލޫކު ކޮމިޓީ އާއި އިމްތިޔާޒު ކޮމިޓީ އާއި ޤައުމީ ސަލާމަތުގެ ކޮމިޓީ އެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:15 ން 09:30 އަށެވެ. މިބައްދަލުވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އިން ވިލާ ހޮޓެލްސް ގެ ރިސޯޓް ތަކުގައި ހިންގާ ސްޕާ ތަކުގައި ހަށިވިއްކުމުގެ އަމަލުތައް ހިންގާކަމަށް ބުނެ ވިލާ ހޮޓެލްސްގެ ރިސޯޓުތަކުގައި ހުރި ސްޕާތައް ބަންދު ކުރަން އަންގާފައިވާތީ، އެކަން ހިނގާފައިވާ ގޮތް ބެލުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގެ 123 ވަނަ މާއްދާގެ (ހ) ގައިވާގޮތުގެމަތިން ކޮމިޓީގެ ތިން މެންބަރަކު ހުށަހަޅުއްވައިފައިވާ މައްސަލަ ބެއްލެވުން އޮތެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހަނިމާދޫ ދާއިރާގެ މެންބަރު މުޙައްމަދު މުޖްތާޒް, ކުރެންދޫ ދާއިރާގެ މެންބަރު އަޙްމަދު މޫސާ، ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ، ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު އަދި ގެމަނަފުށި ދާއިރާގެ މެންބަރު އިލްޙާމް އަޙްމަދު އެވެ.  ކޮމިޓީއަށް ޙާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ފުނަދޫ ދާއިރާގެ މެންބަރު ޢަަލީ ސަލީމް، މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު އަދި ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަޞީހް މުޙަންމަދު އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 09:43 ން 10:20 އަށެވެ. މިބައްދަލުވުމުގައި ކުރިއަށްގެންދެވީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ލޯނުތަކާއި ގެރެންޓީތަކުގެ ލިޔުންތައް މާލިއްޔަތު ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވިގޮތުގެ ޑްރާފްޓް ރިޕޯޓާ މެދު މަޝްވަރާ ކުރައްވާ ފައިނަލް ކުރެއްވުމުގެ މަސައްކަތެވެ. އަދި 28 ޑިސެމްބަރ 2010 ގައި މަޖިލީހުން ފާސްކުރައްވާފައިވާ މުސާރައިގެ އޮނިގަނޑު މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިނުގަންނަވަނީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް އެވެ.

ސުލޫކު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 13:10 ން 13:20 އަށެވެ. މިބައްދަލުވުމުގައި [ރައްޔިތުންގެ މަޖިލީހުގެ ސުލޫކު ޤަވާޢިދަށް ދިވެހިރައްޔިތުންގެ ޕާޓީން ހުށަހެޅުއްވާފައިވާ އިޞްލާޙުތަކަށް ވޯޓަށް އެއްސެވިއެވެ. އެގޮތުން ފާސްވި އިޞްލާޙުތައް ހިމަނައިގެން ރިޕޯޓް ތައްޔާރުކުރުމަށްޓަކައި ވޯޓަށް އެއްސެވުމުން، އެވަގުތު ޙާޒިރުވެ ވަޑައިގެން ތިއްބެވި ހުރިހާ މެންބަރުންގެ އިއްތިފާޤުން ފާސްވިއެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙްމަދު ޢީސާ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙަންމަދު، މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަޙްމަދު ދީދީ، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙަންމަދު، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފް، ތިމަރަފުށި ދާއިރާގެ މެންބަރު މުޙަންމަދު މުޞްޠަފާ އަދި މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު އެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ގަމު ދާއިރާގެ މެންބަރު ޔޫސުފް އަބްދުލް ޣަފޫރު، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް އަދި އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ އެވެ.

އިމްތިޔާޒު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 10:10 ން 10:25 އަށެވެ. މި ބައްދަލުވުމުގައި 29 ޖޫން 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުން މޯލްޑިވްސް ޕޮލިސް ސާރވިސް އިން ބަންދުކުރައްވާފައިވާ މައްސަލަ، ކޮމިޓީން ނިންމެވި ގޮތުގެ ރިޕޯޓް ބައްލަވާ، ކޮމިޓީ މެންބަރުން މަޝްވަރާކުރެެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ކޮމިޓީ އެލަވަންސް ގެ ގޮތުގައި ވިހިހާސް ރުފިޔާ ދޭން ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެން ރައްޔިތުންގެ މަޖިލިސްގެ މެންބަރުންގެ އަބުރާއި އިއްޒަތް ގެއްލޭ ގޮތަށް ހަޑި ހުތުރު ބަސްތަކުން ލިޔުންތައް ނެރެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަބުރާއި ޢއްޒަތަށާއި ކަރާމާތް ނަގާލާފައިވާތީ 10 އޮކްޓޯބަރ 2011 ގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށަހަޅުއްވާފައިވާ މައްސަލައަށް ޤާނޫނީ ލަފައެއް ދެއްވުމަށް އެދި މަޖިލީހުގެ ކައުންސިލް ޖެނެރަލްއަށް ސިޓީއެއް ފޮނުވުމަށް ނިންމެވިއެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަޙުމީ، މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙަންމަދު، ފެލިދޫ ދާއިރާގެ މެންބަރު ޔުސުފް ނަޢީމް އަދި ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުލްމުޙުސިން ޙަމީދުު އެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، ގައްދޫ ދާއިރާގެ މެންބަރު ޒާހިރު އާދަމް، އުނގޫފާރު ދާއިރާގެ މެންބަރު އަފްރާޝީމް ޢަލީ، މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާ އަދި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް އެވެ. ކިނބިދޫ ދާއިރާގެ މެންބަރު މޫސާ ޒަމީރު އަށް ވަޑައިނުގެންނެވުނީ ސަލާމުގައި ހުންނެވުމުންނެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ން 13:50 އަށެވެ. މިބައްދަލުވުމުގައި 10 ޑިސެމްބަރ 2011 ގައި ދީނީ މިނިވަންކަމަށް ގޮވާލާ އާޓިފިޝަލް ބީޗްއަށް އެއްވި މީހުންގެ މައްސަލައާ ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް އަޙުމަދު ފަސީޙު އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. މީގެ އިތުރުން، އިސްރާޢީލްގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެއަށް ދަތުރުތައް ފެށުމުގެ ހުއްދަދެއްވުމަށާއި، ޅ.އަތޮޅު ދިއްފުށިމާދޫގައި ކުރިއަށްގެންދާ ޕްރޮޖެކްޓާމެދު، އިސްރާޢީލްގެ މިލިޓަރީ ޕޯސްޓެއް ޤާއިމްކުރުމަށް ކުރެވޭ މަސައްކަތެއްކަމުގައި ކުރެވޭ ތުހުމަތުތަކާއި ދިވެހިރާއްޖޭގެ ބިން އިސްރާޢީލްގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާކަމަށް ތުހުމަތުކޮށް ޢަދާލަތު ޕާޓީން ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑރ. އިބްރާހިމް ދީދީ އާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރެއްވިއެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިގެންނެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު، މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ. މިބައްދަލުވުމަށް ކޮމިޓީގައި ތިއްބަވާ ހުރިހާ މެންބަރުން ވަޑައިގެންނެވިއެވެ.

2 ޞަފަރު 1433

27 ޑިސެމްބަރ 2011