3 ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 3 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ ގަވާއިދު ކޮމިޓީ އާއި ޤައުމީ ސަލާމަތުގެ ކޮމިޓީ އާއި މާލިއްޔަތު ކޮމިޓީ އެވެ.

ގަވާއިދު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:40 ން 12:55 އަށެވެ. މިބައްދަލުވުމުގައި ބޭހާ ބެހޭ ގަވާއިދަށް އެޓާރނީ ޖެނެރަލްގެ އޮފީހުން ގެންނަން ފެންނަ އިޞްލާހުތަކާބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންނަކީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙުމީ، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުޙައްމަދު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒް، ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙަންމަދު ރަފީޤް ޙަސަން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު އިބްރާހީމް، އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމް އަދި ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޝިފާޤް މުފީދް އެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އިބްރާހީމް މުއްޠަލިބް އަދި އިހަވަންދޫ ދާއިރާގެ މެންބަރު އަޙްމަދު އަބްދުﷲ އެވެ.

ޤައުމީ ސަލާމަތުގެ ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 11:15 ން 12:40 އަށެވެ. މި ބައްދަލުވުމުގައި އިސްރާޢީލްގެ ޤައުމީ އެއަރލައިންގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމުގެ ހުއްދަދެއްވާ ފައިވާތީ، އެކަން ބައްލަވާދެއްވުމަށާއި، ފިޔަވަޅު އަޅުއްވާދެއްވުމަށް އެދިވަޑައިގެން ކޮމިޓީއަށް ފޮނުއްވާފައިވާ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން އަލްފާޟިލް މުޙައްމަދު ޢާދިލް ސަލީމް އާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަބްދުލްމަޖީދު އަބްދުލްބާރީ އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް ތަލްޙަތު އިބްރާހިމް ކަލޭފާން، ކޮމިޓީއަށް ޙާޒިރުކުރައްވައި މައުލޫމާތު ސާފުކުރައްވާފައިވެއެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންނަކީ ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާ މަނިކު، ތޮއްޑޫ ދާއިރާގެ މެންބަރު ޢަލީ ވަޙީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަޚްލޫފު، ތުލުސްދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު އަދި އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ނާޝިޒު އެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ މަނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ތާރިޤް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް ޢަބްދުﷲ، ދާންދޫ ދާއިރާގެ މެންބަރު މުޙައްމަދު ރިޔާޒު އަދި ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 15:05 ން 16:10 އަށެވެ. މި ބައްދަލުވުމުގައި 28 ޑިސެމްބަރ 2010 ގައި މަޖިލީހުން ފާސްކުރައްވާފައިވާ މުސާރައިގެ އޮނިގަނޑު މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ލޯނުތަކާއި ގެރެންޓީތަކުގެ ލިޔުންތައް ދިރާސާ ކުރެއްވުމަށް 21 ޑިސެމްބަރ 2011 ގައި އޮތް މަޖިލީހުން މާލިއްޔަތު ކޮމިޓީއަށް ފޮނުއްވާފައިވާތީ، އެ މައްސަލައާ މެދު މަޝްވަރާ ކުރެއްވިއެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އަދި އަލިފުށި ދާއިރާގެ މެންބަރު މުޙަންމަދު ނާޝިޒް އެވެ.

1 ޞަފަރު 1433

26 ޑިސެމްބަރ 2011