2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 29 ވަނަ ޖަލްސާގައި، 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާކުރައްވައި ފުރިހަމަކުރެއްވުމަށްފަހު، ބަޖެޓް ދިރާސާކުރާ ކޮމިޓީން ހުށަހެޅުއްވި ރިޕޯޓަށް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު މިއަދު ފާސްކުރައްވައިފިއެވެ.

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހުން ގެންނެވި އިޞްލާޙުތަކާއެކު ފާސްކުރައްވާފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ ތެރެއިން 70 މެންބަރުންގެ އަޤްލަބިއްޔަތުންނެވެ. ފާސްކުރައްވަން ފެނިވަޑައިނުގަންނަވާކަމަށް 2 މެންބަރުން ވޯޓްދެއްވާފައިވާއިރު 1 މެންބަރަކު ވަކިގޮތަކަށް ވޯޓްދެއްވަން ބޭނުންފުޅުނުވާކަމަށް ވޯޓުދެއްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި 2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ ދަށުން ހުށަހެޅިފައިވާ އިޞްލާޙުތަކަށް ވޯޓަށް އައްސަވާފައިވެއެވެ. އެގޮތުން 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅިފައިވާ 5 އިޞްލާޙެއްގެ ތެރެއިން 4 އިޞްލާޙަކަށް ވޯޓަށް އައްސަވައި އެ 4 އިޞްލާޙުވެސް ފާސްވެފައިވެއެވެ. 83 ވަނަ މާއްދާގެ (ހ) ގެ ދަށުން ހުށަހެޅިފައިވާ 1 އިޞްލާޙަކަށް ވޯޓަށް އައްސަވާފައިނުވަނީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާފުޅުގެ މައްޗަށް ބިނާކުރައްވައެވެ.

މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅިފައިވާ 7 އިޞްލާޙެއްގެ ތެރެއިން އެއްވެސް އިޞްލާޙަކަށް ވޯޓަށް އައްސަވާފައެއްނުވެއެވެ. އެ އިޞްލާޙުތަކަށް ވޯޓަށް އައްސަވާފައިނުވަނީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާފުޅުގެ މައްޗަށް ބިނާކުރައްވައެވެ. މިއަދުގެ ޖަލްސާގައި އެދެއްވި ލަފާފުޅުވަނީ މަޖިލީހަށް އިއްވަވާފައެވެ.

މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ނ) ގެ ދަށުން ހުށަހެޅިފައިވާ 19 އިޞްލާޙްގެ ތެރެއިން ވޯޓަށް އައްސަވާފައިވަނީ 8 އިޞްލާޙަކަށެވެ. އެ 8 އިޞްލާޙުވެސް ފާސްވެފައިވެއެވެ. އަނެއް 11 އިޞްލާޙުގެ ތެރެއިން 8 އިޞްލާޙު އަކަށް ވޯޓަށް އައްސަވާފައިނުވަނީ ކައުންސެލް ޖެނެރަލްގެ ލަފާގެ މަތިން ޤާނޫނުއަސާސީގެ 75 ވަނަ މާއްދާގެ ރޫޙާ ޚިލާފް އިޞްލާޙުތަކެއް ކަމަށް އެ އިޞްލާޙުތައް ވަތީއެވެ. 1 އިޞްލާޙަށް ވޯޓަށް އައްސަވާފައިނުވަނީ ކުރިން ވޯޓަށް އެއްސެވި އިޞްލާޙެއް ފާސްވެފައިވާތީއެވެ. ދެން އޮތް 2 އިޞްލާޙްގެތެރެއިން ފުރަތަމަ އިޞްލާޙަށް ވޯޓަށް އައްސަވާފައިނުވަނީ ޤާނޫނުއަސާސީގެ 87 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ މަފްހޫމާ ޚިލާފް އިޞްލާޙެއްކަމުގައި ވާތީއެވެ. ދެން އޮތް އިޞްލާޙަށް ވޯޓަށް އައްސަވާފައިނުވަނީ ކޮމިޓީން ހުށަހެޅުއްވި ރިޕޯޓްގައި ހުށަހަޅުއްވާފައިވާ އިޞްލާޙާ ގުޅޭ ކޯޑެއް ހިމެނިފައިނެތުމާއެކު އެ އިޞްލާޙަށް ވޯޓަށް އެއްސެވޭކަމަށް ފެނިވަޑައިނުގަންނަވާކަމަށް ކައުންސެލް ޖެނެރަލް ދެއްވި ލަފާފުޅުގެ މައްޗަށް ބިނާކުރައްވައެވެ.

2012 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުއްވީ، 2011 ނޮވެމްބަރ 28 ގައި އޮތް މަޖިލީހުގެ ތިންވަނަ ދައުރުގެ 16 ވަނަ ޖަލްސާގައެވެ.

ދެން މަޖިލީހުގެ ޖަލްސާއެއް އޮންނަނީ 27 ޑިސެމްބަރ 2011 ވާ ހޯމަދުވަހު ހެނދުނު 09:00 ގައެވެ.

01 ޞަފަރު 1433

26 ޑިސެމްބަރ 2011