2 ކޮމިޓީއެއްގެ ބައްދަލުވުން ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2 ކޮމިޓީއެއްގެ ބައްދަލުވުން މިއަދު ކުރިއަށް ގެންދަވައިފިއެވެ. އެއީ މާލިއްޔަތު ކޮމިޓީ އާއި ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ޝަކުވާތަކާއި ގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޮއްވެވި ކޮމިޓީ އެވެ.

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:05 ން 13:30 އަށެވެ. މިބައްދަލުވުމުގައި، މިނިވަން މުއައްސަސާތަކުގެ މެންބަރުންނަށް ކަނޑައަޅުއްވާފައިވާ އިނާޔަތާއި އެ މެންބަރުންގެ މަސައްކަތުގައި ބޭނުންކުރައްވަން ކޮންމެހެންޖެހިގެން ހޯދަންޖެހޭ ވަޞީލަތްތަކާބެހޭ ގޮތުން ސާފުކުރައްވަން ބޭނުންވެފައިވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންވާ މަޢުލޫމާތުތަކާއި ގުޅޭގޮތުން ހުރިހާ މިނިވަން މުއައްސަސާތަކުގެ މެންބަރުން ހިމެނޭގޮތަށް އެކުލަވާލެވިފައިވާ ވަފްދާއި ބައްދަލުކުރައްވާ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.  ކޮމިޓީއަށް ޙާޒިރުވެވަޑައިގެން ތިއްބެވި މެންބަރުންނަކީ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު ޢަބްދުﷲ ޢަބްދުއްރަޙީމް، ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ، ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު ހަމްޒާ، އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙަންމަދު ޞާލިޙް، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ވައިކަރަދޫ ދާއިރާގެ މެންބަރު ޢަލީ ޢާރިފް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުޞޫމް އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމް އެވެ.

ސުނާމީގައި ހާލުގައި ޖެހުނު މީހުންގެ ޝަކުވާތަކާއި ގެދޮރުގެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ހޮއްވެވި ކޮމިޓީގެ ބައްދަލުވުން ބޭއްވިފައިވަނީ 12:00 ން 12:10 އަށެވެ. މިބައްދަލުވުމުގައި މ. ކޮޅުފުށީ ވަގުތީހިޔާގައި ހިނގާފައިވާ އަލިފާނުގެ ހާދިސާ އާ ގުޅެގޮތުން މަޝްވަރާ ކުރެއްވިއެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިގެންތިއްބެވި މެންބަރުންނަކީ ވިލިފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، ދުވާފަރު ދާއިރާގެ މެންބަރު މުޙަންމަދު ޒުބައިރު، ދާންދޫ ދާއިރާގެ މެންބަރު މުޙަންމަދު ރިޔާޒު އަދި މުލަކު ދާއިރާ މެންބަރު ޢަބްދުﷲ ޔާމީން އެވެ. ކޮމިޓީއަށް ޙާޒިރުވެވަޑައިނުގަންނަވާ މެންބަރުންނަކީ މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް، ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް އަދި ވިލިމާފަންނު ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިންމަނިކު އެވެ.

30 މުޙައްރަމް 1433

25 ޑިސެމްބަރ 2011