ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލުގެ ބަހުސް މަރުހަލާ ކުރިއަށް ގެންދަވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 27 ވަނަ ޖަލްސާގައި، ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު، ކޮމިޓީ މަރުޙަލާ ނިމި މަޖިލީހުން ރިޢާޔަތްކުރެއްވުމަށް މިއަދު ހުށަހެޅުއްވުމުން އެބިލުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވައި އެބިލަށް ހުށަހެޅިފައިވާ އިޞްލާޙްތައް ހުށަހަޅައި އެބިލުގެ އެންމެ ފަހު، ބަހުސްގެ މަރުހަލާ ކުރިއަށް ގެންދަވައިފިއެވެ.

ބިލުގެ ކޮމިޓީ ރިޕޯޓް މަޖިލީހަށް ހުށަހެޅުއްވީ އިޖްތިމާޢީ ކޮމިޓީގެ ނާއިބު މުޤައްރިރު މާވަށު ދައިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު އެވެ. މިއަދުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 30 އިސްލާޙު އަދި 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 3 އިސްލާޙު ހުށަހަޅުއްވާފައިވެއެވެ. ބަހުސްގެ މަރުހަލާގައި ޖުމްލަ 9 މެންބަރުން މިއަދު ވާހަކަ ދައްކަވާފައިވެއެވެ.

ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ 4 މެއި 2010 ގައި އޮތް މަޖިލީހުގެ ފުރަތަމަ ދައުރުގެ 28 ވަނަ ޖަލްސާގައެވެ. އެބިލާމެދު މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެބިލު އިސްލާޙުކުރެއްވުމަށްޓަކައި އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް 8 ޖޫން 2010 ގައި އޮތް މަޖިލީހުގެ 2 ވަނަ ޖަލްސާއިން ނިންމެވިއެވެ. ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ ބިލާ ގުޅޭގޮތުން އިޖްތިމާޢީ ކޮމިޓީގައި ކުރެވުނު މަޝްވަރާގައި، 25 އޮކްޓޯބަރ 2010 ގައި ބޭއްވެވި އެކޮމިޓީގެ 16 ވަނަ ބައްދަލުވުމުގައި ބިލު ދިރާސާކުރެއްވުމަށް ސަބްކޮމިޓީއެއް ހޮއްވަވައި، ބިލު ދިރާސާކުރެއްވުމުގެ މަސައްކަތް އެ ކޮމިޓީއާ ހަވާލުކުރެއްވިއެވެ. އިޖްތިމާޢީ ކޮމިޓީގެ ސަބް ކޮމިޓީން މިބިލު ބައްލަވަން ފެއްޓެވީ 26 އޮކްޓޯބަރ 2010 ގައެވެ. އަދި ބިލު ދިރާސާކުރައްވައި އިޞްލާޙު ކުރެއްވުމުގެ މަސައްކަތް ކޮމިޓީން ނިންމަވާފައިވަނީ 24 ނޮވެމްބަރ 2010 ގައި ބޭއްވެވި އެ ސަބް ކޮމިޓީގެ 4 ވަނަ ބައްދަލުވުމުގައެވެ.

މިބިލު މަޖިލީހުން ފުރަތަމަ ފާސްކުރައްވާފައިވަނީ 28 ޑިސެމްބަރ 2010 ގައި ބޭއްވުނު ތިން ވަނަ ދައުރުގެ 29 ވަނަ ޖަލްސާގައެވެ. އަދި ތަސްދީޤުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ތަރީޚަކީ 3 ޖެނުއަރީ 2011 އެވެ. ނަމަވެސް ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގެ ދަށުން މަޖިލީހުން އަލުން ވިސްނެވުމަށް 17 ޖެނުއަރީ 2011 ގައި ބިލު އަނބުރާ ފޮނުއްވުނެވެ. މަޖިލީހުން އަލުން ވިސްނުމަށް ފޮނުއްވުނު މިބިލުގެ މައްސަލަ ހުށަހަޅައި ކޮމިޓީއަށް އަލުން ފޮނުވުމަށް ފާސްކުރެއްވީ 14 މާޗް 2011 ގައި ބޭއްވުނު ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގަ އެވެ.

26 މުޙައްރަމް 1433

21 ޑިސެމްބަރ 2011