ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލު ފާސްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 27 ވަނަ ޖަލްސާގައި، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލު މަޖިލީހުން ގެންނެވި އިސްލާޙްތަކާއެކު މިއަދު ފާސްކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލު ފާސްކުރައްވާފައިވަނީ އެވަގުތު ޖަލްސާއަށް ހާޒިރުވެ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން 66 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން މިއަދު 10 އިޞްލާހަކަށް ވޯޓަށް އައްސަވައި 8 އިޞްލާހެއް ފާސްކުރައްވާފައިވެއެވެ. އަދި ގަވައިދުގެ 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 2 އިޞްލާހަކަށް ވޯޓަށް އައްސަވައި ވަނީ ފާސްނުވެފައެވެެ. މީގެއިތުރުން ގަވައިދުގެ 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 5 އިޞްލާހަކަށް ވޯޓަށް އައްސަވައި ފާސްކުރައްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠާރިޤް 29 ޖޫން 2010 ގައި އޮތް މަޖިލީހުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައެވެ. އެބިލާމެދު މަޖިލީހުގެ ޖަލްސާއެއްގައި ބަހުސްކުރެއްވުމަށްފަހު، މެންބަރުން ފާޅުކުރެއްވި ޚިޔާލުތަކުގެ އަލީގައި އެބިލު އިޞްލާޙުކުރެއްވުމަށްޓަކައި އިޖްތިމާޢީ ކޮމިޓީއަށް ފޮނުއްވުމަށް 14 ޖުލައި 2010 ގައި އޮތް މަޖިލީހުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ނިންމެވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ބިލު ދިރާސާ ކުރެއްވުމަށް އިޖްތިމާޢީ ކޮމިޓީން މަސައްކަތް ފެއްޓެވީ 8 އޯގަސްޓް 2011 ގައި ބޭއްވުނު އެކޮމިޓީގެ 11 ވަނަ ބައްދަލުވުމުގައެވެ. އަދި ހަމައެބައްދަލުވުމުގައި ސަބް ކޮމިޓީއަކުން އެބިލު ބައްލަވާގޮތައް ނިންމެވިއެވެ.

26 މުހައްރަމް 1433

21 ޑިސެމްބަރ 2011