ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބުރައީސް ކަމަށް ޢައްޔަންކުރެއްވުމަށް ހުށަހަޅުއްވާފައިވާ ނަންފުޅު ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 26 ވަނަ ޖަލްސާގައި، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ނައިބު ރައީސް ކަމަށް އެކޮމިޝަންގެ މެންބަރު ހ. އައްޑޫގެ އަލްފާޟިލް އަޙްމަދު ޠަލާލްގެ ނަންފުޅު ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާތީ މިނަންފުޅު މަޖިލީހައް އިއްވައި، އަދި މިނަންފުޅު ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލައްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ކޮމިޝަނުގެ ނައިބު ރައީސް ކަމަށް ހުށަހަޅުއްވާފައިވާ ނަންފުޅު ދިރާސާކުރެއްވުމަށް 7 މެންބަރުންގެ ވަގުތީ ކޮމިޓީއެއް އެކުލަވާލެއްވުމަށް ހުޅުވާލެއްވި ފުރުޞަތުގައި ބާރަށު ދާއިރާގެ މެންބަރު މުޙަންމަދު ޝިފާޒް ހުށަހަޅުއްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު ތާއީދުކުރެއްވި ލިސްޓަށް ވޯޓަށް އެއްސެވުމުން ފާސްވީ އެވަގުތު ޖަލްސާއަށް ޙާޒިރުވެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ ތެރެއިން 66 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ. ފެނިވަޑައިނުގަންނަވާ ކަމަށް 2 މެންބަރަކު ވޯޓުދެއްވާފައިވާއިރު، 2 މެންބަރަކު ވަކިއަތަކަށް ވޯޓު ދެއްވާފައެއް ނުވެއެވެ.

7 މެންބަރުންގެ ވަގުތީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ދިއްދޫ ދާއިރާގެ މެންބަރު އަޙްމަދު ސަމީރު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުޙަންމަދު ރަޝީދު، މަޑަވެލި ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމް، ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ މަޢުސޫމް، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޙަސަން ލަޠީފް، ވެލިދޫ ދާއިރާގެ މެންބަރު ޢަލީ މުޙަންމަދު އަދި މާވަށު ދާއިރާގެ މެންބަރު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރުއެވެ.

 

25 މުހައްރަމް 1433

20 ޑިސެމްބަރ 2011