އިންޑޮނޭޝިއާގެ ސަފީރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިި

އިންޑޮނޭޝިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ މިސްޓަރ ޖަފަރް ޙުސައިން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް ވަދާޢީ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ހެނދުނު ބޭއްވުނު މިބައްދަލުވުމުގައި، ދެގައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމުގެ މައްޗަށް ބައްލަވައިލެއްވިއެވެ. އަދި އިންޑޮނޭޝިއާ ޤާނޫނުހަދާ މަޖިލީހުގެ އިންޓަރ ޕާލިމަންޓްރީ ކޯޕަރޭޝަން ކޮމިޓީގެ ވަފްދެއް ފާއިތުވެދިއަ ނޮވެމްބަރ މަހު ރައްޔިތުންގެ މަޖިލީހަށް ޒިޔާރަތް ކުރައްވާފައިވާކަމަށާއި، މިވަފުދުގެ ސަބަބުން މިގުޅުން އިތުރަށް ބަދަހިވެގެން ދިޔަކަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ޕާލިމެންޓަރީ ޔޫނިއަން އޮފް ދި އޯ.އައި.ސީ މެންބަރ ސްޓޭޓްސް (ޕީ.ޔޫ.އައި.ސީ) ގައި ބައިވެރިވުމަށް މަޖިލީހުން ފާސްކުރެއްވުމާ ގުޅިގެން، މިޖަމްޢިއްޔާގެ ފުރިހަމަ މެންބަރަކަށް ވުމުގެ މަސައްކަތް ކުރިއަށް ގެންދަވަމުންދާކަން ހާމަ ކުރެއްވިއެވެ. އަދި ޕީ.ޔޫ.އައި.ސީ ގައި ބައިވެރިވުމުން ގިނަގުނަ ފައިދާތަކެއް މަޖިލީހަށާއި މަޖިލީހުގެ މަސައްކަތްތަކަށް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ. އަދި މިހާރުގެ ރިޔާސަތު ބަލަހައްޓަވާ ގައުމަކީ އިންޑޮނޭޝިއާކަން ފާހަގަ ކުރައްވައި، ޖެނުއަރީ މަހުގެ ފަހުކޮޅު އިންޑޮނޭޝިއާގެ ޕެލަމްބާންގގައި ބޭއްވުމަށް ހަމަޖެހިފައިވާ (ޕީ.ޔޫ.އައި.ސީ) ގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އިސްވެ ހުންނަވައިގެން ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް ބައިވެރިވެވަޑައި ގަންނަވާނެކަމުގައިވެސް ވަނީ  ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުގެ މަގާމުގައި ހުންނަވައިގެން، ދިވެހިރާއްޖެއާއި އިންޑޮނޭޝިއާ އާާ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި ސަފީރަށް މަޖިލީހުގެ ރައީސް ޝުކުރު އަދާކުރެއްވިއެވެ.

 

25 މުޙައްރަމް 1433

20 ޑިސެމްބަރ 2011