ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ މި ދައުރުގެ 25 ވަނަ ޖަލްސާގައި ޤާނޫނު ނަންބަރު 2010/3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކުރައްވައި ފުރިހަމަކުރެއްވި ގޮތަށް ފާސްކުރައްވައިފިއެވެ. މި ބިލު ފާސްކުރައްވަން ފެނިވަޑައިގަންނަވާކަމަށް 41 މެންބަރުން ވޯޓުދެއްވާފައިވާއިރު، 17 މެންބަރަކު ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވާފައިވެއެވެ. އަދި 15 މެންބަރަކު ވަކިފަރާތަކަށް ވޯޓުދެއްވާފައެއް ނުވެއެވެ.
މިއަދުގެ ޖަލްސާގައި ޤާނޫނު ނަމްބަރު 2005/2 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު) ގެ ދަށުން، ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ހެލްތް އެންޑް ފެމިލީ ޑޮކްޓަރ އާމިނަތު ޖަމީލް އާ ސުވާލުކުރެއްވުން އޮތެވެ. މި ސުވާލަށް ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ ވަގުތުގައި ޖުމްލަ 11 މެންބަރަކު ސުވާލު ކުރައްވާފައިވެއެވެ.
24 މުހައްރަމް 1433
19 ޑިސެމްބަރ 2011