އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު މުޙަންމަދު ނަބީ ޙައްސާނީ ޕޯރ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީސް ކުރާގޭގައި ކުރިއަށް ދިޔަ މި ބައްދަލުކުރެއްވުމުގައި އީރާނުން ރާއްޖެއަށް އަލަށް ކަނޑައެޅުއްވި ސަފީރާ ބައްދަލުކުރައްވައި މަޖިލީހުގެ ރައީސް ތަހުނިޔާ ވިދާޅުވިއެވެ. އަދި ރާއްޖެއާއި އީރާނާ ދެމެދު ޒަމާނުއްސުރެ ވަރަށް ގާތް ގުޅުންތަކެއް އުފެދިފައިވާ ކަމަށް ވިދާޅުވެ، ދެޤައުމާއި ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ ޕާލިމެންޓަރީ ޔޫނިއަން އޮފް ދި އޯ.އައި.ސީ މެންބަރ ސްޓޭޓްސް (ޕީ.ޔޫ.އައި.ސީ) ގައި އީރާނަކީ ވަރަށް ޙަރަކާތްތެރި މެންބަރެއް ކަމަށާއި ޕީ.ޔޫ.އައި.ސީ ގައި ރާއްޖެ ބައިވެރިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިހާރު ނިންމަވާފައިވާކަމަށެވެ. މިގޮތުން އަންނަ ޖެނުއަރީމަހު ފަހުކޮޅު އިންޑޮނީޝިޔާގެ ޕެލެންބާރގް ގައި ބެއްވުމަށް ހަމަޖެހިފައިވާ ޕީ.ޔޫ.އައި.ސީގެ ބައްދަލުވުމުގައި ރާއްޖެ ބައިވެރިވާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހާ ގުޅޭގޮތުން މައުލޫމާތު އޮޅުންފިލުއްވައި ދެޤައުމު ގުޅިގެން ހިންގިދާނެ ޙަރާކާތްތަކާގުޅޭގޮތުން އީރާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ހިޔާލުބަދަލުކުރެއްވިއެވެ.
24 މުޙައްރަމް 1433
19 ޑިސެމްބަރ 2011