ނޫސް ބަޔާން

ރައްޔިތުންގެ މަޖިލީހުގެ 18 މެންބަރަކު ސޮއިކުރައްވައި، އަލްފާޟިލް މަޙުމޫދު ރާޒީގެ މައްޗަށް އިތުބާރު ނެތް ކަމަށް ލިއުއްވައި، ފޮނުއްވި މައްސަލައާ ގުޅިގެން މަޖިލީހުގެ އިދާރާއިން އެމެންބަރުންނަށް މިއަދު، ޖަވާބު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ފޮނުއްވި ސިޓީގައި ބުނެފައިވަނީ، އިތުބާރުނެތްކަމަށް ލިޔުއްވައި ފޮނުއްވާފައިވާ، މިނިސްޓަރ މަޙުމޫދު ރާޒީގެ މަގާމް، އެލިޔުމުގައިވަނީ ރަނގަޅަށް ނޫންކަމުގައެވެ. އެލިޔުމުގައި، މަޙުމޫދު ރާޒީގެ މަގާމް ކަމުގައި ލިޔުއްވާފައިވަނީ، މިނިސްޓަރ އޮފް ޓްރޭޑް އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓްއެވެ. ނަމަވެސް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން، މަޙުމޫދު ރާޒީއަށް މިނިސްޓަރ ކަމުގެ މަގާމް ދެއްވައި، މަޖިލީހުގެ ރުހުން ދެއްވާފައިވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ގޮތުގައި ކަމަށްވާތީ، އިތުބާރު ނެތްކަމަށް ލިއުއްވައި ފޮނުއްވި މައްސަލައިގާ ވާ މިކުށް، އިޞްލާޙް ކުރެއްވުމަށްފަހު އެމައްސަލަ، އަލުން ހުށަހަޅުއްވަން ބޭނުންފުޅުވާނަމަ ހުށަހެޅުއްވުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ 18 މެންބަރަކު ސޮއި ކުރައްވާފައިވާ މިލިއުން، މަޖިލީހުގެ އިދާރާއަށް ލިބިފައިވަނީ މިއަދު 18 ޑިސެމްބަރ 2011 ވީ އާދީއްތަދުވަހުގެ 11:54 ގައެވެ. އެހެންނަމަވެސް، ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކުގައި، 15 ޑިސެމްބަރ 2011 ވީ ބުރާސްފަތިދުވަހު، އެލިއުން މަޖިލީހުގެ އިދާރާއަށް ފޮނުއްވާފައިވާ ކަމަށް ހާމަ ކުރައްވާފައިވެއެވެ.

މިއަދު މަޖިލީހުގެ އިދާރާއަށް ލިބުނު މި ލިއުމުގައިވަނީ 14 ޑިސެމްބަރ 2011 ގެ ތާރީޚް އެވެ.

 

23 މުޙައްރަމް 1433

18 ޑިސެމްބަރ 2011