ކައުންސެލް ޖެނެރަލްގެ ޢަހުދުގެ ލިއުން މަޖިލީހުގެ ރައީސާ ޙަވާލު ކުރައްވައިފިި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހުން ޢައްޔަންކުރަންޖެހޭ މަޖިލީހުގެ އޮފިސަރުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ކައުންސެލް ޖެނެރަލްގެ މަގާމަށް ޢައްޔަންކުރައްވާފައިވާ ހ. އަނދުންގޭ އަލްއުސްތާޛާ ފާތިމަތު ފިލްޒާ މަޖިލީހުގެ ގަވައިދުގެ 11 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ ޢަހުދުގެ ލިއުމުގައި މަޖިލީހުގެ ރައިސްގެ ޙާޒިރުގައި ސޮއިކުރައްވައި އެލިއުން މަޖިލީހުގެ ރައީސާއި މިއަދު ހަވާލު ކުރައްވައިފިއެވެ.

މިއަދު ހެނދުނު 11:00 ގައި ރައްޔިތުންގެ މަޖިލީހުގެ ގޭގައި ބޭއްވުނު މިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު ކައުންސެލް ޖެނެރަލްއަށް މަރުޙަބާ ވިދާޅުވެ ކައުންސެލް ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު ތަކާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އަލްއުސްތާޛާ ފާތިމަތު ފިލްޒާ ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ މަގާމަށް މަޖިލީހުން ޢައްޔަންކުރެއްވީ 13 ޑިސެމްބަރ 2011 ވީ އަންގާރަދުވަހު ބޭއްވުނު އެމަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައެވެ.