އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް މަޖިލީހުން ފާސްކުރައްވައިފި

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 24 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާޤުން ނެވެ. އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓް، މާލިއްޔަތު ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތުގެ ރިޕޯޓް މާލިއްޔަތު ކޮމިޓީގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ ހުށަހަޅުއްވައިދެއްވަމުން ވިދާޅުވީ މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން އޮޑިޓަރ ޖެނެރަލް އޮފީހުގެ 2012 ވަނަ އަހަރުގެ ބަޖެޓްކަމުގައި ހުށަހަޅުއްވާފައިވާ 48,143,529  ރުފިޔާ ލިބިދިނުމަށް އެއްބަސްވި ކަމުގައިވިޔަސް 2012 ވަނަ އަހަރުގެ ބަޖެޓް ފާސްކުރާއިރު، 2012 ވަނަ އަހަރުގެ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބަޖެޓްގެ ގޮތުގައި ލިބިދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އިން ރިކޮމެންޑް ކޮށްފައިވާ ޢަދަދު، 32,301,636  ރުފިޔާ 2012 ވަނަ އަހަރަށް ފާސްކުރާ ދައުލަތުގެ ބަޖެޓް ގައި ހިމެނުމަށް ކޮމިޓީއިން ނިންމަވާފައިވާކަމަށެވެ.

ޤާނޫނު ނަންބަރު 4/2007 އޮޑިޓް ޤާނޫނު ގެ 14 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި  އޮޑިޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި ކޮންމެ މާލީ އަހަރެއް ފެށުމުގެ 90 ދުވަސް ކުރިން، އޮޑިޓަރ ޖެނެރަލް އެ އަހަރަކަށް ކަނޑައަޅާ މަސައްކަތު ޕްރޮގްރާމެއް ހިމެނޭ ޕްލޭނަކާއި އެޕްލޭންގައިވާ މަސައްކަތްތައް ކުރުމަށް ބޭނުންވާނޭ ތަފްސީލު ބަޖެޓެއް ތައްޔާރުކޮށް، އެވަގުތަކު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ މަސައްކަތްތައް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކަނޑައަޅާފައިވާ ކޮމިޓީއަށް ފޮނުވަންވާނެކަމަށް ބަޔާންކުރައްވާފައިވެއެވެ.  އަދި އޮޑިޓަރ ޖެެނެރަލް ހުށަހަޅާ ބަޖެޓް އެކޮމިޓީން ދިރާސާކޮށް، އެކޮމިޓީއަށް ފެންނަ ބަދަލުތައް ގެނައުމަށްފަހު، ކޮމިޓީގެ ރިޕޯޓަކާއެކު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅަންވާނެ ކަމުގައިވެސް ބަޔާން ކޮށްފައިވެއެވެ.

 

19 މުހައްރަމް 1433

14 ޑިސެމްބަރ 2011