ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމެނުމާ ބެހޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވިގޮތަށް މަޖިލީހުން ފާސްކުރައްވައިފި

ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދު، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމެނުމާ ބެހޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވީ 67 މެންބަރުންގެ އިއްތިފާޤުންނެވެ. ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދަކީ 2005 ވަނަ އަހަރު އޭޝިޔާ ޤައުމުތަކުގައި ފެތުރެމުންދިޔަ ދޫނި ރޯގާގެ ސަބަބުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުން މަނާކުރުމާގުޅިގެން، އަމިއްލަ ފަރާތްތަކުން އެ މިނިސްޓްރީ އާ ދެކޮޅަށް ސިވިލް ކޯޓުގައި ދަޢުވާ ކުރުމުން، ދިރޭ ދޫނި ރާއްޖެއަށް އެތެރެކުރުމަށް ހަދަންޖެހޭ އުޞޫލުތަކާއި ގަވާއިދުތައް ހަދައި 3 މަސްދުވަހުގެ ތެރޭގައި ހުއްދަ ދޭން ފެށުމަށް ސިވިލް ކޯޓުން ޙުކުމް ކުރުމާގުޅިގެން، ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާ ބެހޭ ޤާނޫނު) ގެ ޖަދުވަލް 1 ގައި ހިމަނައިދިނުމަށް އެދި އެމިނިސްޓްރީން 03 މާރޗް 2010 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީއަށް ފޮނުއްވާފައިވާ ގަވާއިދެކެވެ.

ދިވެހިރާއްޖެއަށް ދޫނި އެތެރެކުރުމާބެހޭ ގަވާއިދުގެ މަސައްކަތް ގަވާއިދު ކޮމިޓީން ފެއްޓެވީ 22 މާރޗް 2011 ގައި ބޭއްވުނު އެކޮމިޓީގެ 2011 ވަނަ އަހަރުގެ 2 ވަނަ ބައްދަލުވުމުގައެވެ.

18 މުހައްރަމް 1433

13 ޑިސެމްބަރ 2011