ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 އަދި ޖަދުވަލް 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވައި މައްސަލަ ނިންމެވިގޮތަށް މަޖިލީހުން ފާސްކުރައްވައިފި

ޤާނޫނު ނަންބަރު 2008/6 (ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު) ގެ ޖަދުވަލް 1 އަދި ޖަދުވަލް 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭގޮތުން ގަވާއިދު ކޮމިޓީން ދިރާސާކުރައްވާ މައްސަލަ ނިންމެވިގޮތަށް މިއަދު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ 2011 ވަނަ އަހަރުގެ 3 ވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ފާސްކުރައްވައިފިއެވެ.

މިގޮތަށް ފާސްކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 71 މެންބަރުންގެ އިއްތިފާޤުން ނެވެ. ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު ގެ ޖަދުވަލް 1 އަދި ޖަދުވަލް 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމަށް ފާސްކުރެއްވީ 05 ފެބްރުއަރީ 2012 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާތީއާއި، މިޤާނޫނުގެ ޖަދުވަލު 1 ގައި ހިމެނޭ 42 ގަވާއިދަކާއި ޖަދުވަލް 2 ގައި ހިމެނިފައިވާ 10 ގަވާއިދަކާއެކު ޖުމްލަ 52 ގަވާއިދަކަށް ޤާނޫނީ ބާރު ލިބިދިނުމަށްޓަކައި ކަމާބެހޭ ޤާނޫނުތައް ހެދެންދެން މި ގަވާއިދުތަކަށް ޤާނޫނީ ބާރު ލިބިދޭންޖެހޭނެ ކަމަށް ފެންނާތީ، އެޤާނޫނުގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި، ކޮމިޓީގެ މުޤައްރިރު ކޮމިޓީގެ ސަމާލުކަމަށް ގެނައުމާގުޅިގެން އެކަމާބެހޭގޮތުން ގަވާއިދު ކޮމިޓީން މަޝްވަރާކުރެއްވުމަށްފަހުގައެވެ.

ޢާންމު ގަވާއިދުތަކާބެހޭ ޤާނޫނު ގެ ޖަދުވަލް 1 އަދި ޖަދުވަލް 2 ގައިވާ ގަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކޮށްފައިވަނީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 05 ވަނަ ދުވަހާ ހަމަޔަށެވެ.

18 މުހައްރަމް 1433

13 ޑިސެމްބަރ 2011