ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ހުށަހެޅިފައިވާ އިޞްލާހުތަކަށް ވޯޓަށް އެއްސެވުން ކުރިއަށްގެންދަވައިފި

މިއަދު ކުރިއަށް ގެންދެވުނު ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 23 ވަނަ ޖަލްސާގައި ޤައުމީ ޞިއްޙީ ފަރުވާގެ އިންޝުއަރެންސާބެހޭ ބިލަށް ހުށަހެޅިފައިވާ އިޞްލާހުތަކަށް ވޯޓަށް އެއްސެވުން ކުރިއަށްގެންދަވައިފިއެވެ. މިގޮތުން މިބިލަށް ހުށަހެޅިފައިވާ 94 އިސްލާޙުގެ ތެރެއިން 4 އިޞްލާހަށް ވޯޓަށް އައްސަވައި، މި 4 އިޞްލާޙުވެސް ފާސްކުރައްވާފައިވެއެވެ.

އަދި މިއަދުގެ ޖަލްސާގައި ކޮމިޓީތަކުން ހުށަހަޅާ ކަންކަމުގެ ދަށުން ނެޝަނަލް އަރކައިވްސްގެ ބިލާއި ޕްރީ ސްކޫލް ހިންގުމުގެ ބިލު ކުރިއަށް ގެންދެވިއެވެ. މިގޮތުން ނެޝަނަލް އަރކައިވްސްގެ ބިލަށް މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 12 އިޞްލާހަކާއި، 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 3 އިޞްލާހަކާއި، 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 5 އިޞްލާހު ހުށަހަޅުއްވައި، މި ބިލަށް  ބަހުސްކުރެއްވުމަށްފަހު މިބިލުގެ ތިން ވަނަ ކިޔުން އިއްވާފައިވެއެވެ. އަދި މިއަދުގެ ޖަލްސާގައި ޕްރީ ސްކޫލް ހިންގުމުގެ ބިލަށް މަޖިލީހުގެ ގަވައިދުގެ 83 ވަނަ މާއްދާގެ (ހ) ގެ ދަށުން 9 އިޞްލާހަކާއި، 83 ވަނަ މާއްދާގެ (ށ) ގެ ދަށުން 1 އިޞްލާހަކާއި، 83 ވަނަ މާއްދާގެ (ނ) ގެ ދަށުން 2 އިޞްލާހު ހުށަހަޅުއްވައި، ބިލުގެ ދެވަނަ ކިޔުމުގެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދަވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ޤާނޫނު ނަމްބަރ 2005/2 (ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު)ގެ ދަށުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް މުޙަންމަދު އަސްލަމް އާ ސުވާލުކުރެއްވުން އޮތެވެ. މި ސުވާލަށް ވަޒީރު ދެއްވި ޖަވާބާއި ގުޅިގެން އިތުރު ސުވާލުކުރުމުގެ ވަގުތުގެ ތެރޭގައި 9 މެންބަރަކު ސުވާލު ކުރައްވާފައިވެއެވެ.