މަޖިލީހާއި ގުޅިގެން ބޭއްވި “ޔޫތް ލީޑަރޝިފް ޕްރޮގްރާމް 2011″ ނިމިއްޖެ

އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ބޭއްވި “ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2011″ ގެ ނިމުމުގެ ރަސްމިއްޔާތު ރޭ ބަނޑޮސް އައިލެންޑް ރިސޯޓުގައި ބާއްވައިފި އެވެ.

މާލެއާއި އަތޮޅުތަކުން ހޮވާލެވިފައިވާ 40 ޒުވާނުން ބައިވެރިވި މި މިޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރުމަހު 19 ވަނަ ދުވަހުން ފެށިގެން މިމަހު 10 ގެ ނިޔަލަށެވެ. މިއީ 2010 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އެއްބާރުލުމާއިއެކު ޑިމޮކްރަސީ ހައުސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މިއަހަރުގެ ޕްރޮގްރާމްގައިވެސް ބައިވެރިން ވަނީ މޮކް ޕާލިމެންޓެއް ހުށަހަޅައިދީފައެވެ. މި މޮކް ޕާލަމަންޓްގެ ރިކޯޑިންގް އެމްއެންބީސީ ވަން އިން ފޮނުވުމަށް ހަމަޖެހިފައިވަނީ ބައިނަލްއަޤްވާމީ ޑިމޮކްރަސީ ދުވަސްކަމުގައިވާ 22 ޑިސެމްބަރގައެވެ.

ރޭގަ ބޭއްވުނު ރަސްމިއްޔާތުގައި ކޮމަންވެލްތް ދުވަސް ފާހަގަކުރުމަށް ކޮމަންވެލްތް ޕާލަމަންޓަރީ އެސޯސިއޭޝަން (ސީ.ޕީ.އޭ.) އިން އިންތިޒާމްކުރައްވައިގެން ބާއްވަވާ ޙަރަކާތްތަކުގައި ބައިވެރިވުމަށް އިނގިރޭސިވިލާތަށް ދިޔުމުގެ ފުރުޞަތު މި ޕްރޮގްރާމްގައި ބައިވެރިވި ޒުވާނުންތަކުގެތެރެއިން އެންމެ ރަނގަޅު ދ ޒުވާނެއްގެ ނަން އިއުލާނުކޮށްފައިވެއެވެ. އެދެޒުވާނުންނަކީ ބ.އޭދަފުށި އައިޝަތު ޝިފާނާ އަޙްމަދު އާއި ނ.ޅޮހި ޙުސައިން ރިޔާޒް އެވެ.

17 މުޙައްރަމް 1433

12 ޑިސެމްބަރ 2011