މަޖިލީހުގެ ރައީސް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް އާ ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މޯލްޑިވްސް މީޑިއާ ކައުންސިލް ގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޒީފް އާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީސްކުރާގޭގައި ކުރިއަށް ދިޔަ މިބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޚަބަރު ގެނެސްދިނުމަށް ދިވެހި މީޑިއާ ހުނަރުވެރިކުރުމަށްޓަކައި ތަމްރީން ޕޮގްރާމެއް ހިންގުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް ނިންމަވާފައިވާތީ، މިފަދަ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި ރައްޔިތުންގެ މަޖިލީހާއި ގުޅިގެން މަސައްކަތް ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ އެކަމާގުޅޭގޮތުންނެވެ.

މަޖިލީހުގެ ރައީސްގެ ވާހަކަގައި މިފަދަ ޕްރޮގްރާމެއް މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން އިސްނަންގަވައިގެން ކުރައްވަން ފެއްޓެވިކަމަށްޓަކައި މަރުޙަބާ ވިދާޅުވެ، ޕްރޮގްރާމް ކުރިއަށް ގެންދެވުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ މުވައްޒަފު އަލްފާޟިލް އަޙްމަދު ފަޒީލް އާއި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަލްއުސްތާޛް އަޙްމަދު މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

13 މުޙައްރަމް 1433

8 ޑިސެމްބަރ 2011