މަޖިލީހުގެ ރައީސް “ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2011″ ގެ ބައިވެރިންނާ ބައްދަލުކުރައްވައިފި

އަމިއްލަ ޖަމްޢިއްޔާއެއްކަމުގައިވާ ޑިމޮކްރަސީ ހައުސް އިން އިސްނަގައިގެން، ރައްޔިތުންގެ މަޖިލީހާއި ގުޅިގެން ބާއްވާ “ޔޫތް ލީޑަރޝިޕް ޕްރޮގްރާމް 2011″ ގެ ބައިވެރިންނާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް ޢަބްދުﷲ ޝާހިދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މަޖީދިއްޔާ ސްކޫލް ހޯލްގައި ބޭއްވި މިބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ މި ޕްރޮގްރާމަކީ މިއަދުގެ ޒުވާނުންނަށް ލިބުނު ވަރަށް ރަނގަޅު ފުރުޞަތެއް ކަމަށެވެ. އަދި ހިތުގައިވާ ހިޔާލެއް ޖެހިލުމެއްނެތި ފާޅުކުރައްވަމުން ގެންދެވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. މަޖިލީހުގެ ރައީސް ވިދާޅުވިގޮތުގައި އަޅުގަނޑުމެންގެ މުސްތަޤްބަލް އޮތީ ރާއްޖޭގެ ޒުވާނުންގެ އަތްމަތީގައެވެ.

އެމަނިކުފާނު މި ބައްދަލުވުމުގައި އިތުރަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އަދާކުރައްވަމުން ގެންދަވާ ދައުރު ބައެއް ފަރާތްތަކަށް އޮޅުން އަރާފައިވާކަމަށެވެ. މިގޮތުން ޤާނޫނު ހެދުމުގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހަކީ ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ މުއައްސަސާއެއްކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. މަޖިލީހުގެ ރައީސްގެ ވާހަކަ ނިންމަވާލެއްވުމަށްފަހު ވަނީ ޕްރޮގްރާމްގެ ބައިވެރިން ކުރެއްވި ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސްގެ އިތުރުން ބައެއް މެންބަރުން ބައިވެރިވެވަޑައިގެން، ޕްރޮގްރާމްގެ ބައިވެރިންނަށް ވަނީ މައުލޫމާތު ދިނުމުގެ ސެޝަނެއް ހިންގަވާފައެވެ.

މިޕްރޮގްރާމަކީ 2010 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އެއްބާރުލުމާއިއެކު ޑިމޮކްރަސީ ހައުސްއިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

12 މުހައްރަމް 1433

7 ޑިސެމްބަރ 2011